14 Jul 2024, 09:42
ލަންޑަންގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެއިޗިކޯވާ ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކްރެއިޗިކޯވާ ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި މި މުބާރާތުގައި ހަތްވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީއާ ބައްދަލުކޮށް ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަަަމަ ސެޓު ފަސޭހަކަމާ އެކު 6-2 އިން ކްރެއިޗިކޯވާ ކާމިޔާބުކުރިއިރު ދެވަނަ ސެޓުގައި ފެނިގެންދިޔައީ ޕައޮލީނީ އޭނާގެ ކުޅުން ރަނގަޅުކޮށް އެ ސެޓު ފަސޭހަކަމާ އެކު 2-6 އިން ކާމިޔާބުކުރި ތަނެވެ. ފަހު ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް، މި ސެޓުގައި ޕައޮލިނީއަށްވުރެ ވަރުގަދަކޮށް ފެނިގެންދިޔައީ ކްރެއިޗިކޯވާއެވެ. ފަހު ސެޓު 6-4އިން ކާމިޔާބުކުރީ ކްރެއިޗިކޯވާއެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ކްރެއިޗިކޮވާވަނީ އޭނާގެ ކުރީގެ ގާތް އެކުވެރިޔާ އަދި ކޯޗު ޔާނާ ނޮވޮޓްނާގެ މަތިން ހަނދާންކޮށްފައެވެ. ކުރިން 1998 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކުރި ނޮވޮޓްނާ މަރުވެފައިވަނީ ކެންސަރު ބަލީގައި 2017 ވަނަ އަހަރެވެ.
ކްރެއިޗިކޯވާ ބުނީ، އޭނާއަށް ޕްރޮފެޝަނަލް ޓެނިހުގެ ތެރެއަށް ވަނުމަށް ލަފާދިން ފަރާތަކީ ނޮވޮޓްނާ ކަމަށެވެ. އަދި، މަރުވުމުގެ ކުރިން ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް އޭނާ ގާތު ބުނި ކަމަށެވެ. ކްރެއިޗިކޯވާ އެކަން 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށް ފުރިހަމަކުރި ނަމަވެސް ނޮވޮޓްނާ ކާމިޔާބުކުރި ވިމްބަލްޑަންގެ ތަށި އުފުލާލެވޭނެ ކަމަށް އޭނާ ދުވަހަކު ވެސް އުންމީދުނުކުރާ ކަމަށް އޭނާ ބުންޏެވެ. އަ
ކްރެއިޗިކޯވާ މި މުބާރާތް ކާމިޔާބުކުރުމާ އެކު ޖެހިޖެހިގެން ދެ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓް މިވަނީ ޗެކް ރިޕަބްލިކްގެ ދެ ކުޅުންތެރިން ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮސޯވާއެވެ.
މެޗުން ބަލިވި ނަމަވެސް ޕައޮލީނީއަށް މިއީ ކާމިޔާބު މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގެ ކުރިން އޭނާ ވިމްބަލްޑަންގައި ވާދަކުރި އެއްވެސް ފަހަރަކު ފުރަތަމަ ބުރު ފަހަނައަޅާ ދެވިފައެއް ނުވެއެވެ. މިއީ އޭނާ ޖެހިޖެހިގެން ދާވަކުރި ގްރޭން ސްލޭމް ފައިނަލެވެ. މިދިޔަ މަހު ބޭއްވި ފްރެންޗް އޯޕަންގެ ފައިނަލްގައި ވެސް އޭނާ ވަނީ ވާދަކޮށްފައެވެ.