ރައްޔިތުން މަޖިލީހުގެ މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ އުސްފަސްގަނޑު ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި ދުވަހާއި އެއާ ޖެހިގެން އައި ދުވަހު މާލެ ތެރޭގައި ހިންގި ހަމަނުޖެހުންތައް ރާވައި ހިންގުމުގައި މާރިޔާ އިސްކޮށް ހުންނެވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު މާލެތެރޭގައި ހިންގި އެކި ހަމަނުޖެހުންތަކުގައި މާރިޔާ އާއި އެހެން ބަޔަކު އިސްވެތިބެގެން އެ ހަމަނުޖެހުންތައް ރާވައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ފުލުހުންނާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދިނުމަށް ރާވައި އެކަންކަން ހިންގުމަށް މާރިޔާ ހިތްވަރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"މާރިޔާ ޕޮލިސް ސާވިސް އަށް ޙާޟިރުވުމަށް ޗިޓް ފޮނުވާފައި ވަނީ 2012 މެއި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު މާލޭގާއި ހިންގި ހަމަނުޖެހުންތަކަކީ މާރިޔާ އަޙްމަދު ދީދީ އާއި އިތުރު ބަޔަކު އިސްވެ ތިބެ ރާވައިގެން ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތުކުރެވޭތީ އާއި މިހަމަނުޖެހުންތަކުގައި މާލެތެރޭގައި ހަރަކާތްތެރިވާ ގްރޫޕުތައް މަގުމައްޗަށް ނެރެގެން ފުލުހުންނަށް ހަމަލާދީ ފުލުހުންނާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދިނުމަށް ރާވާ އެކަންކަން ހިންގުމަށް މާރިޔާ އަޙްމަދު ދީދީ ހިތްވަރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށްޓަކަ އެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ މާރިޔާ ފުލުސް އޮފީހަށް ހާޒިރުކުރަނީ މިއަދު މެންދުރު 2:30 ގައި ކަމަށެވެ.

އުސްފަސްގަނޑު ރޫޅާލަން ފުލުހުން މަސައްކަތް ކުރި ދުވަހު އެ ސަރަހައްދާއި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި އާންމުންގެ ދެމެދު ކުރިމަތިލުންތައް ހިނގާ ފުލުހުންނާއި އާންމުންނަށްވެސް އެކި ވަރުގެ އަނިޔާވި އެވެ. އަދި އާންމުންނާއި ފުލުހުންގެ ބަޔެއް މުދަލަށްވެސް ގެއްލުންވި އެވެ.