މިދިޔަ ބޮޑު ޢީދުތެރޭގައި ބ. ކަމަދޫގައި ބޭއްވި ޢީދު ކުޅިވަރުތަކަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބި، އެ ކުޅިވަރުތައް ހުށަހެޅި ކަމަދޫ ސަގާފީ ގްރޫޕަށް މީސްމީޑިއާ މެދުވެރިކޮށް ގިނަބައެއްގެ ތަޢުރީފުލިބިފައިވެއެވެ.

އެރަށުގެ ހުނަރުވެރި ޒުވާނުންގެ ފަރި ޙަރަކާތްތަކަށް މީސް މީޑިއާގައި އާދަޔާ ޚިލާފު ޝައުޤުވެރިކަމެއް ލިބި ކަމަދުއަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނެވެ.

ކަމަދޫގެ ޒުވާނުން ސަގާފީ ކުޅިވަރުކުޅެގެން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ކަމަދޫ ސަގާފީ ގްރޫޕަށް ޚާއްޞަ ހަދިޔާއެއް އެރުވުމަށް އުއްޗު ދެއްވި ދަޢުވަތު ޤަބޫލުކުރައްވާ، ކަމަދޫ ސަގާފީ ގްރޫޕުގެ ތިރީހެއްހާ މެމްބަރުން އިއްޔެވަނީ އުއްޗުގެ ރިސޯޓު، ކުރެއްދޫއަށް ގޮސް އުއްޗުއަށް ޚާއްޞަ ޝޯއެއް ހުށަހަޅާދީފައެވެ.

ކަމަދޫ ސަގާފީ ގްރޫޕުގެ ތިރީހެއްހާ މެމްބަރުން އުއްޗުގެ ރިސޯޓު، ކުރެއްދޫއަށް ގޮސް އުއްޗުއަށް ޚާއްޞަކޮށް ދިން ޝޯ --

ދެ ގަޑިއެއްހާއިރުގެ މި ޝޯގައި ބޮޑު ޢީދުގައި ކަމަދޫގައި ހުށަހެޅި ރީތި ލަވަތަކުގެ އިތުރުން އުއްޗުއަށް ޚާއްޞަކޮށް ތައްޔާރުކޮށް ހުށަހެޅި ލަވަވެސް ހިމެނެއެވެ.

ކަމަދޫގެ ޒުވާން އަންހެން އަދި ފިރިހެން ފަންނާނުން ބައިވެރިވި މި ކުލަގަދަ ޝޯ ބޭއްވީ ރޭ ކުރެއްދޫ ބޯޅަދަނޑުގައެވެ. މި ޝޯ ބަލައިލުމަށް ކުރެއްދޫގައި މި ވަގުތު ތިބި ފަތުރުވެރީންގެ އިތުރުން، ދަޢުވަތު އެރުވިގެން ކުރެއްދޫއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި ކުރެއްދޫގެ މުވައްޒަފުން ބޯޅަ ދަނޑަށް ދިޔައެވެ.

ކަމަދޫ ސަގާފީ ގްރޫޕުގެ ތިރީހެއްހާ މެމްބަރުން އުއްޗުގެ ރިސޯޓު، ކުރެއްދޫއަށް ގޮސް އުއްޗުއަށް ޚާއްޞަކޮށް ދިން ޝޯ --

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަކީ ޤައުމީ ކަންކަމުގައި އިސްނަގާ ފަރާތްތަކާއި ކާމިޔާބީ ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި ހަދިޔާ ދެއްވައި، އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާ ވިޔަފާވެރިއެކެވެ.

ޤައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ވެސް އެ ޓީމު އެއްކޮށް އުއްޗު އަރިހަށް ގެންދަވައިގެން ހަދިޔާ ދެއްވައި، އެކަން ކުލަގަދަކޮށް ފާހަގަކުރައްވާފައިވެއެވެ.

ކަމަދޫ ޒުވާނުންނަށް ކުރެއްދޫން ވަރަށް ހޫނު މަރްޙަބާ އެއް ދެންނެވުނެވެ. ސީޕްލޭނާއި ލޯންޗުގައި ސީދާ ކަމަދޫން ސަގާފީ ގްރޫޕް ކުރެއްދޫއަށް ދިޔުމުން ރިސޯޓުގެ މެނޭޖްމަންޓުން ހޫނު މަރްޙަބާއެއް ދެންނެވިއެވެ.

ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ މި ޝޯގައި ކަމަދޫ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އުއްޗުއަށް ޚާއްޞަ ހަދިޔާއަކާއި ހަނދާނީ ފިލައެއް އެރުވިއެވެ. އަދި އުއްޗުގެ ފަރާތްޕުޅުން ވެސް ހަދިޔާ އާއި ހަނދާނީ ފިލައެއް ކަމަދޫ ރައްޔިތުންނަށް އެރުވިއެވެ.

ކަމަދޫ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އުއްޗުއަށް ޚާއްޞަ ހަދިޔާއަކާއި ހަނދާނީ ފިލައެއް އެރުވުން --

ކަމަދޫ ކައުންސިލްގެ ރައީސް ޒަރީރު ވިދާޅުވީ، ކަމަދޫގެ ސަގާފީ ކުޅިވަރު ގްރޫޕަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ދަޢުވަތު ލިބެމުން ދިޔަނަމަވެސް އެ ދަޢުވަތުތައް ޤަބޫލުކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އުއްޗު ދަޢުވަތު ދެއްވުމުން، އެކަން ޤަބޫލުކުރައްވާ ކުރެއްދޫއަށް އައީ އުއްޗުއަކީ އަބަދުވެސް ދިވެހި ފަންނުވެރިކަން ކުރިއެރުވުމަށް ތަރުހީބުދެއްވާ އެހީތެރިވެދެއްވާ ބޭފުޅަކަށްވެފައި، ދިވެހި ރައްޔިތުންގެ އަގު ވަޒަންކުރެއްވުމުގައި މިސާލު ދައްކަވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

އަދިވެސް އުއްޗު ދެއްވާ މިފަދަ ދަޢުވަތު އުފަލާއެކު ޤަބޫލުކުރައްވާނެކަމަށް ޒަރީރު ވިދާޅުވިއެވެ.

ރޭ ކުރެއްދޫގައި ބޭއްވި ޝޯގެ ތެރޭގައި، އުއްޗު އަމިއްލަފުޅަށް ހިއްކައިގެން އުފައްދާފައިވާ ރަށެއްކަމުގައިވާ ޗަމްޕާގިރި ރީބްރޭންޑްކޮށް ޗަމްޕާ ރޮމޭންޓިކް އައިލެންޑްގެ ގޮތުގައި އެ ރަށް ތަޢާރަފްކުރުން ވެސް އޮތެވެ. އަދި މީގެ އިތުރުން މޮންދު ޕްރޮޑަކްޝަނުން އުފެއްދި އެޕް "ކުރުކޮށް" ވެސް އުއްޗު ލޯންޗްކޮށްދެއްވިއެވެ. އަދި ކުރެއްދޫ މުވައްޒަފުންގެ ބޮޑުބެރާއި މުވައްޒަފުންގެ ނެށުމުގެ ބައެއް އައިޓަމްތައް ވެސް ހިމެނުނެވެ.

ކަމަދޫ ސަގާފީ ގްރޫޕަށް ޝުކުރު ދެންނެވުމުގެ ގޮތުން އުއްޗު ބޭއްވެވި މި ޝޯގެ ރެކޯޑިން އެސްއެސްޓީވީން ވަރަށް އަވަހަށް ދައްކާނެއެވެ.