20 Jun 2012, 10:10
ފުލުހުންގެ އިދާރާ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ރައީސް މާރިޔާ އަހުމަދު ދީދީ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުވާފައިވާތީ އެކަން އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާރިޔާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމުގެ ބޭނުމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ސިފައިންނާއި ފުލުހުން އަމަލުކުރި ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގެންދަވާތީ އެ ދުވަހުގެ ހިނގައި ދިޔަ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ފަރާތްތަކަށް މިނިވަންކަމާ އެކު ވާހަކަ ދެއްކުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން މިސަރުކާރުން ރާވައިގެން ކުރާ ވަރަށް ފިނޑި އަމަލެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"މާރިޔާ ފުލުހުންގެ އޮފީހަށް ހާޒިރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާ އެކު ފެބްރުއަރީ 7 ވަނަ ދުވަހު ގެނެސްފައިވާ ބަޣާވާތުގެ ވާހަކަދައްކާ ފަރާތްތަކާއި އެ ބަޣާވާތާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ހުޅުވިފައިވާ މާހައުލެއްގައި އެފަދަ ވާހަކަތައް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު ހަނިކުރުމަށް ސަރުކާރުން ރާވައިގެން ހިންގާ ފިނޑި އަމަލެއް،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މިފަދަ ރޭވުންތައް ތަކުރާރުކޮށް ރާވަމުންދިޔަ ނަމަވެސް ބަޣާވާތަކުން ރާއްޖޭގެ ވެރިކަމުގެ ބާރުތައް އެމްޑީޕީގެ އަތުން ފޭރިގެންފައިވާ ކަން ސާބިތުކޮށް ދިނުމަށް އެޕާޓީން ކުރަމުންދާ މަސައްކަތަށް އަދި އަވަސް އިންތިހާބެއް ހޯދުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތްތަކަށް ކުޑަވެސް ލޮޅުމެއް، މަޑުމެއް ނާންނާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާރިޔާ ފުލުހުންގެ އިދާރާއަށް މިހާރު ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު 2:30 އަށް ކަމަށާއި އެގޮތަށް ހަމަޖެއްސީ އޭނާ އެގޮތަށް އެދިފައިވާތީ ކަމަށެވެ.