13 Jul 2024, 13:51
މިދިޔަ ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ހަދަން ނިންމި ފުށް ފެކްޓްރީ މިހާރު ނުހަދަން ނިންމާފައިވާ ކަމަށް، ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ރޭ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވާ ޝިމާދު ވިދާޅުވީ، ފުށް ފެކްޓްރީގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
ޝިމާދު ވިދާޅުވީ ފުށް ފެކްޓަރީ އަކީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ބޯޑުން ނިންމީ ކަމަށް ޝިމާދު ވިދާޅުވިއެވެ.
ކުރިން ހެދި ފީސިބިލިޓީއާއި މިހާރުގެ ފީސިބިލިޓީ ހެދި އިރު މި އަންނަ ކޯސްޓުތަކާ އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި،އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
މީގެ ކުރިން 2022 ވަނަ އަހަރު ގޮދަން ފުށް ފެކްޓްރީ ތަރައްގީކުރުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ނިންމައި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެއްސިއެވެ.
އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ އަމަލީ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފައެވެ.
ރާއްޖެއިން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާ ގިނަ ދުވަހު ބެހެއްޓޭނެ ފުށެއް ނޫންކަމަށް އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.