ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި، އޭނާގެ ކޮއްކޮ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

"ސަން" އަށް މައުލޫމާތުދެއްވައި ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން ވިދާޅުވީ، އޭނާއާއި އޭނާގެ ކޮއްކޮ މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖެހިއެވެ. އެއަށްފަހު އަލުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑު ވެސް ކޮށްފައެވެ.

ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ.

ރަމީޒް ވެސް މިފަހުން ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ފަހުންނެވެ.