13 Jul 2024, 11:28
ލަންޑަންގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި މިފަހަރުވެސް ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި ސްޕެއިންގެ ކާލޯސް އަލްކަރާޒް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދެ ކުޅުންތެރިންނަނީ މިދިޔަ ސީޒަންގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި ދެކުޅުންތެރިންނެވެ. މިފަހަރުގެ ފައިނަލްއިން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖޯކޮވިޗް ޖާގަހޯދީ ސެމީފައިނަލްގައި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި މިމެޗުވީ ކުރިން ހީކުރި ވަރަށްވުރެ ފަސޭހަ މެޗަކަށެވެ.
މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ޖޯކޮވިޗް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ވަނީ ޓައި ބްރޭކަކަށް ގޮސްފައެވެ. ނަމަވެސް ޓައި ބްރޭކްގައި މުސޭޓީއަށް މާރަނގަޅު ކުޅުމެއް ދެެއްކޭގޮތް ނުވުމުން ހަތެއް ދެއަކުން ކުރި ހޯދީ ޖޯކޮވިޗްއެވެ. އަދި ތިންވަނަ ސެޓު އޭނާ ކާމިޔާބު ކުރީ ހައެއް ހަތަރަކުންނެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލްގެ ޖާގައެއް ޖޯކޮވިޗް ކަށަވަރު ކޮށްފައިވާއިރު މިފަހަރުގެ މުބާރާތް ފެށެން އަށް ދުވަހަށް ވީއިރުވެސް އޭނާއަށް މިމުބާރާތުގައި ވާދަކުރެވިދާނެކަމާ މެދު އޭނާއަށް ޔަގީންކަމެއް ނެތެވެ. އެންމެ ފަހުން ބޭއްވި ފްރެންޗް އޯޕަންގެ ކުއާޓާ ފައިނަލްގައި ޖޯކޮވިޗްގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ޖެހުނީ އެމުބާރާތުން ވަކިވާށެވެ. އަދި ޖޫން މަހުގެ ކުރީކޮޅު އޭނާއަށް ލިބިފައިވި އަނިޔާގެ ސަބަބުން އޮޕަރޭޝަނެއްވެސް ކުރިއެެވެ.
ޖޯކޮވިޗް ހާމަކުރިގޮތުގައި އޭނާ މުބާރާތް ފެށުމުގެ އަށް ދުވަސް ކުރިން ލަންޑަންއަށް އައިއިރު އޭނާއަށް މިމުބާރާތުގައި ވާދަކުރެވޭވަރަށް ފިޓްވާނެތޯ މިއީ އުފެދިފައިވި ސުވާލެކެވެ. ނަމަވެސް ލަންޑަނަށް އައިސް ބައެއް ކުޅުންތެރިންނާއި އެކު ޕްރެކްޓިސް ކޮށްލުމުން އޭނާއަށް މިފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ އިތުރުން ރަނގަޅު ހިސާބަކަށް ދެވިދާނެކަމަށްވެސް ބެލެވުނެވެ.
މިމުބާރާތުގެ ފައިނަލްގައި ޖޯކޮވިޗްއާ ބައްދަލުކުރާ އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މިމެޗުގެ ފެށުން ދިޔައީ އަލްކަރާޒް އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.
މެޑްވެޑޭވް އޭނާގެ މޮޅު ކުޅުމާއެކުވަނީ މެޗުގެ ފުރަތަމަ ސެޓުގައި ދޭއް ފަހެއްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް އަލްކަރާޒްވަނީ ފަހަތުން އަރައި ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގެންގޮސްފައެވެ. ޓައި ބްރޭކް މެޑްވެޑޭވް ކާމިޔާބު ކުރީ އެކެއް ހަތަކުންނެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ޖެހިގެން އައި ތިން ސެޓު އަލްކަރާޒްވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ތިނެއް، ހައެއް ހަތަރައް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ވަނީ މިއަންނަ އާދިއްތަ ދުވަހަކީ ސްޕެއިންއަށް ކާމިޔާބު ދުވަހަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ އެހެން ބުނީ، އެދުވަހު ފިރިހެން ސިންގަލްސް ފައިނަލްގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮތުމުންނެވެ. މައުލޫމާތު ފެތުރިފައިވާ ގޮތުގައި ވިމްބަލްޑަން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފައިނަލް މެޗު ފެށުމުގެ ހަ ގަޑިއިރު ކުރިންނެވެ.
މިދިޔަ ސީޒަންގައިވެސް މިދެކުޅުންތެރިންގެ މެދުގައި ވަރަށް ފޯރިގަދަ ފައިނަލް މެޗެއް ކުޅެވުނު އިރު އެފަހަރު ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށް ވިމްބަލްޑަން ތަށި އުފުލާލީ އަލްކަރާޒްއެވެ. މިފަހަރު އެކަން އެހެން ވެދާނެތޯ ބަލާއިރު މިފަހަރުވެސް އެކަން އޭނާއަށް ކުރެވޭނީ މިދިޔަ ފަހެރެކޭ އެއްވަރަށް ވަރަށް އުނދަގުލުން ކަމުގައި ގިނަ ފަރާތްތަކުން ދެކެއެވެ. އެއީ މިވަގުތު އަލްކަރާޒް އާއި ޖޯކޮވިޗް ވެސް ތިބީ ވަރަށް ފޯމުގައެވެ. މިފަހަރުގެ ތަށި ޖޯކޮވިޗްއަށް އުފުލާލެވިއްޖެނަމަ އޭނާ ވާނީ ރޮޖާ ފެޑެރާއާއެކު އަށް ފަހަރު މިތަށި އުފުލާލާ ދެވަނަ ކުޅުންތެރިޔާ އަށެވެ. އަދި އަލްކަރަޒްއަށް މިތަށި ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ވާނީ ޖެހިޖެހިގެން މިތަށި އުފުލާލާ ނުވަވަނަ ކުޅުންތެރިޔާ އަށެވެ.