ހިއުމަން ޓްރެފިކިންގް އޮޕަރޭޝަނެއްގައި 400 އަންހެނުން ކުދިން ސަލާމަތްކޮށް, އެހީތެރިވެދީފައި ވާނެކަމަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 'އަންނާ'ގެ ނަމުން ގިނަ ބަޔަކު މުޚާތަބު ކުރާ އެކްޓަރުގެ ހިތްވަރުގަދަ މި އަމަލާ ބެހޭގޮތުން މީގެކުރިން ވާހަކަ ދައްކާފައި ނުވަނީ އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ސުނިލް ވަނީ ބުނެފައެވެ.

މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ މި ހާދިސާ ގުޅިފައި ވަނީ ސުނިލްގެ މައިދައިތަ އާއި ދެމީހުން ވެގެން ހިންގަމުން ދިޔަ އެންޖީއޯއަކާއެވެ. 'ޓްރެފިކިން'ގެ ނަމުގައި ހިންގި އެ އެންޖީއޯ ފަހުން ހިންގީ ވިޕްލާ ފައުންޑޭޝަންގެ ނަމުގައެވެ.

މީގެ 26 އަހަރު ކުރިން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވި ހަތަރު ސަތޭކައަށްވުރެ ގިނަ ކުދިން ސަލާމަތް ކުރުމުގައި ވިޕްލާ ފައުންޑޭޝަންއާއެކު އިތުރު އެހެން އެންޖީއޯތަކުގެ ބައިވެރިވުން ލިބުނު ކަމަށާއި އެކަމަށް އެ އެންޖީއޯތަކަށް ޝުކުރު އަދާކުރުމަށް ސުނިލް ވަނީ ބުނެފައެވެ.

ސުނިލް ޝެޓީ އަންހެނުން މާނާ ޝެޓީ އަދި ދަރިފުޅު އަތިޔާ ޝެޓީއާ އެކު--ފޮޓޯ/ޕިންޓްރެސްޓް

ޒޫމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުނިލް ޝެޓީ ބުނެފައި ވަނީ މި ހާދިސާއަށްފަހު އަންޑަވޯލްޑްގެ ބަޔަކު ސުނިލް ޝެޓީގެ އާއިލާއަށް ފާރަލަމުންދިޔަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ފުލުހުންގެ އެހީތެރިކަމާއެކު އެމީހުންގެ ފަރާތުން ސަލާމަތްވި ކަމަށް ސުނިލް ވަނީ ބުނެފައެވެ.

އެތައް އަހަރުތަކަކަށްފަހު އެ ހާދިސާގެ ވާހަކަ ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކުދިން ސަލާމަތް ކުރުމުގައި އިސް ރޯލެއް ކުޅުނީ ސުނިލް ނޫންކަން އާއްމުންނަށް ހާމަކޮށްދިނުމަށް ކަމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. ސުނިލް އޭރު އެންމެ އިސްކޮށް އުޅުނީ ކަމާ ގުޅޭ އިދާރާތަކަށް އެންޖީއޯގެ މެސެޖު ފޯރުކޮށްދިނުމަށް ކަމަށާއި އެ ހާދިސާގެ ހަގީގީ ހީރޮއިން އަކީ ސުނިލްގެ މައިދައިތަކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޮޑު މަޝްހޫރު ކަމެއް ހޯދި ފިލްމު "ހެރާޕެރީ"ގެ ތިން ވަނަ ފިލްމު އަދި "ވެލްކަމް ޓޫ ދަ ޖަންގަލް"ގައި މަސައްކަތް ކުރަމުން އަންނަ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ޒީ5އިން ގެނެސްދިން ފިލްމު "އޮޕަރޭޝަން ފްރައިޑެއި"އިންނެވެ.