ގާހިރާ (ޖޫން 20) މަގާމުން ދުރުކުރުމަށް ފަހު އުމުރަށް ޖަލަށްލާފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް އަވަހާރަވެއްޖެ ކަމަށް އަލްޖަޒީރާ ހަބަރުދީފި އެވެ.

މުބާރަކާ ގާތް މިސްރުގެ ޢަސްކަރީ ތަޖްރިބާކާރެއް ކަމަށްވާ ޖެނެރަލް މަޙްމޫދު ޒާހިރު އަލްޖަޒީރާއަށް ދާދިދެންމެއަކު ކަށަވަރުކޮށްދެއްވި ގޮތުގައި ރޭގެ ވަގުތެއްގައި މުބާރަކްވަނީ މަޑުމަޑުން ހާލުކޮޅު ދަށަށްދަމުންގޮސް އަވަހާރަވެފަ
އެވެ. މުބާރަކް އަވަހާރަވީ މިސްރުގެ އަލްމަޢާދީ ޢަސްކަރީ ހޮސްޕިޓަލުގެ އައިސީޔޫގައި ހިތްޕުޅު ހުއްޓިގެން ކަންވެސް ޖެނެރަލް މަޙްމޫދު ޒާހިރު އަލްޖަޒީރާއަށް ކަށަވަރު ކޮށްދެއްވި އެވެ.

މިސްރުގެ މިޑްލްއީސްޓް ނޫސްއެޖެންސީ ބުނި ގޮތުގައި މުބާރަކްގެ ހިތްޕުޅުވަނީ މުޅިން ހުއްޓިފަ އެވެ. ހިތްޕުޅު އަލުން ހަރަކާތް ކުރުވުމަށްޓަކައި ޑޮކްޓަރުން އިލެކްޓްރިކް ޝޮކްތައް ދިނުމުން ވެސް ހިތްޕުޅު ޙަރަކާތް ނުކުރާ ކަމަށާއި މުބާރަކްގެ ހިތްޕުޅު ހުއްޓިފައިވުމުގެ އިތުރުން އޭނާގެ ސިކުނޑިއަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި އޭނާ ޑޮކްޓަރީ ގޮތުން އަވަހާރަވެފައި ކަމަށް ޑޮކްޓަރުން ބުނާކަމަށް ވެސް މިޑްލްއީސްޓް ނޫސްއެޖެންސީ ބުނެ އެވެ.

ނަމަވެސް މިސްރުގެ އަމްނާބެހޭދާއިރާތަކާ ޙަވާލާދީ ރޮއިޓާސް ހަބަރުދޭގޮތުގައި މުބާރަކް އަވަހާރަވިކަން ޑޮކްޓަރުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. މުބާރަކް އޮންނެވީ ކޯމާއެއްގައި ކަމަށާ އޭނާ ނޭވާލަނީ މެޝީންތަކުގެ އެހީގައި ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ.

އުމުރުފުޅުން 84 އަހަރުގެ މުބާރަކްގެ މައްޗަށް މީހުން މެރުމާއި ކޮރަޕްޝަނުގެ މައްސަލައިގެ ކުށް ސާބިތުވެގެން އޭނާ ޢުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމަށް ޓަކައި މިދި ޔަމަހު އޭނާ ވަނީ ޤާހިރާގެ ތުއްރާ ޖަލަށް ލެވިފަ އެވެ. ޖަލަށްލުމާ އެކު މުބާރަކަށް ސިއްޙީ އެތަށް މައްސަލަތަކެއް ކުރިމަތިވެ ވަޑައިގަތުމުން އޭނާވަނީ ކުއްލި ޙާލަތުގައި ޤާހިރާގެ އަލްމަޢާދީ ޢަސްކަރީ ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުމަތި ކުރެވިފަ އެވެ. މުބާރަކަށް ކުރިމަތިވެ ވަޑައިގެންނެވި ސިއްޙީ މައްސަލަތަކުގެ ތެރޭގައި ލޭމައްޗަށް ދިޔުމާއި ސިކުނޑިއަށް ސްޓްރޯކެއް ޖެހުމާއި ހިތްޕުޅުގެ މައްސަލަތައް ހިމެނެ އެވެ.

މުބާރަކް އުފަންވެފައި ވަނީ 1928ގައި މިސްރުގެ ނީލަކޯރުގެ ދެލްތާ ސަރަޙައްދުގެ މެދުމިނުގެ ޢާއިލާއަކަށެވެ. ޢަސްކަރީ ގޮތުން މަތީ ތަޢްލީމް ޙާސިލް ކުރައްވައިގެން ހުންނެވި މުބާރަކަކީ މިސްރު ސިފައިންގެ ކުރީގެ އިސްޖެނެރަލުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޢަސްކަރީ ޕައިލެޓެއް ކަމަށްވާ މުބާރަކްވަނީ 1970 ގެ އަހަރުތަކުގައި މިސްރުގެ ވައިގެ ސިފައިންގެ ވެރިކަންވެސް ކުރައްވައިފަ އެވެ.

އަންވަރުއްސާދާތުގެ ވެރިކަމުގައި 1975 ވަނަ އަހަރު މިސްރުގެ ނައިބުރައީސް ކަމުގެ މަގާމަށް މުބާރަކް އައްޔަން ކުރެވުނެވެ. އެއަށް ފަހު 1981 ގައި ސާދާތު އަވަހާރަކޮށްލުމުން އެއަހަރު މިސްރުގެ ރައީސްކަން މުބާރަކަށް ލިބިވަޑައިގެންނެވިއެވެ. މުބާރަކްގެ ވެރިކަން ވެއްޓުނީ ރައްޔިތުންގެ އުތުރިއެރުމަކާގުޅިގެން މަގާމުން އިސްތިއުފާދެއްވުމަށް މަޖްބޫރުވެވަޑައިގެން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު މަގާމުން އިސްތިއުފާ ދެއްވުމާގުޅިގެންނެވެ. (އަލްޖަޒީރާ ނޫސްއެޖެންސީތައް)