ލަންޑަންގައި މިހާރު ކުރިއަށްދާ އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސްގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީއާއި ޗެކް ރިޕަބްލިކްގެ ބާބޯރާ ކްރެއިޗިކޯވާ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ހަތްވަނައަށް ސީޑުކުރެވިފައިވާ ޕައޮލީނީ ޖާގަ ހޯދީ ސެންޓާ ކޯޓުގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ ޑޮނާ ވެކިޗްއާ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ވެކިޗްވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 2-6 އިން ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓުގައި ވެސް ވެކިޗް އުޅުނީ 4-3 އިން ކުރީގައެވެ. ނަމަވެސް، އެހާ ހިސާބުން ޕައޮލީނީ ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފަހަތުން އަރާ ދެވަނަ ސެޓު 6-4އިން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗު ގެންދިޔައެވެ.

ތިންވަނަ ސެޓު ވެގެންދިޔައީ ދެ ކުޅުންތެރިންގެ މޮޅު ކުޅުމުގެ އިތުރުން ހިތްވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ސެޓަކަށެވެ. މި ގޮތުން މި ސެޓުގައި 6-6 އިން ދެ ކުޅުންތެރިން އެއްވަރުވެ، 10 ޕޮއިންޓްގެ ޓައިބްރޭކަކަށް ދިޔައެވެ. މި ޓައި ބްރޭކް ވެސް ދެ ކުޅުންތެރިން ކޮޅަށް ކިރެމުން ގޮސް 10-8 އިން ކުރިހޯދީ ޕައޮލީނީއެވެ.

މި މުބާރާތުގެ ކުރިން ވިމްބަލްޑަންގައި ދުވަހަކު ވެސް މެޗަކުން މޮޅުވެފައިނުވާ ޕައޮލީނީ ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ވިމްބަލްޑަންގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އެ މެޗަކީ ވިމްބަލްޑަންގެ ތާރީޚުގައި މިހާތަނަށް ކުޅުނު އެންމެ ދިގު އަންހެން ސިންގަލްސް ސެމީފައިނަލް މެޗެވެ. މެޗު ދެ ގަޑިއިރާއި 51 މިނެޓަށް ދެމިގެންދިޔައެވެ.

މުބާރާތުގެ ފައިނަލްގައި ޕައޮލީނީ ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ކްރެއިޗިކޯވާއާއެވެ.

މުބާރާތުގެ ފައިނަލުން ކްރެއިޗިކޯވާ ޖާގަހޯދީ ސެންޓާ ކޯޓުގައި ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި މުބާރާތުގައި ހަތަރުވަނައަށް ސީޑު ކުރެވިފައިވި ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާ ބައްދަލުކުރި މެޗު ފުރަތަމަ ސެމީ ފައިނަލެކޭ އެއްގޮތަށް އިދިކޮޅު ކުޅުންތެރިޔާ ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ރީބަކީނާ ކާމިޔާބުކޮށްފައިވަނީ 3-6 އިންނެވެ. ނަމަވެސް، ޖެހިގެން އައި ދެ ސެޓުވަނީ ކްރެއިޗިކޯވާ 6-3 އަދި 6-7 އިން ކާމިޔާބު ކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާއެވެ.