ރައްޔިތުން މަޖިލީހުގެ މައްޗަށް ގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު ޗިޓް ފޮނުވައިފި އެވެ.

ޗިޓް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިސަރު ހަސަން ހަނީފު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވުމަށް މާރިޔާއަށް ޗިޓް ފޮނުވާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް މާރިޔާއަށް އަންގާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ކަމަށާއި ނަމަވެސް މާރިޔާގެ އެދިވަޑައިގެންފައިވާތީ ގަޑި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

"ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާނީ. މިހާރު އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް. ނަމަވެސް މާރިޔާގެ އެދުމުގެ މަތީން ގަޑި ބަދަލު ކުރުން އެށީގެންވޭ،" ހަނީފު ވިދާޅުވި އެވެ.

މާރިޔާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އެންގުމާ ގުޅިގެން އޭނާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މާރިޔާގެ ބަހެއް އަދި ނުލިބެ އެވެ. އަދި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.