12 Jul 2024, 12:14
ސިނަމާލެ ބްރިޖް ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގައި ޖެހި، މިއަދު ހެނދުނު ކާރެއް އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއްނުވާ ކަމަށެވެ. އަދި، އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް، މި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވީ ރަތް ކުލައިގެ ކާރެކެވެ. ކާރަށް ވެސް އަދި ސޯލާ ޕެނަލްތަކަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެފަދަ އެއް ހާދިސާގައި ސޯލާ ޕެނަލްތަކަށް ދެ ލައްކަ ރުފިޔާގެ ގެއްލުން ވެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ކުރީ ސަރުކާރުން ހަރުކޮށްފައިވާ އެ ސޯލާ ޕެނަލްތައް ނަގައި، އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އެ ޕެނަލްތައް ހަރުކޮށްފައިވަނީ، ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. އެއީ، ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ފެށި މަޝްރޫއެކެވެ.