މާލިއްޔަތު ގާނޫނާ ހިލާފަށް ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ކަމަށް ބުނެ، އޮޑިޓާ ޖެނަރަލް ނެރުއްވާފައިވާ ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ ހިޔާނާތުގެ ތުހުމަތުތަކުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީ އަބްދުﷲ ނަސީރު ބަރީއަތްވެ ވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމެޓީއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާއި ޕާމަނަންޓް ސެކަރެޓަރީ އަބްދުﷲ ނަސީރު ހާޒިރުކޮށް މެންބަރުން ސުވާލު ދެންނެވުމުން، އެ ދެ ބޭފުޅުން ވެސް ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ބުނާ ފައިސާތަކެއް ހަރަދުކޮށްފައި ހުރީ، ކުރީގެ ސަރުކާރުގައި ރައީސް އޮފީހުން ކަނޑައަޅާފައިވާ ސިޔާސީ ބޭފުޅެއް ކަމަށެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް، އަދި މިހާރުގެ ސަރުކާރުގައި ވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. ހުސައިން ރަޝީދެވެ.

ޑރ. ހުސައިން މިރޭގެ ކޮމެޓީއަށް ވަޑައިގަތުމަށް މަޖިލީހުން މިނިސްޓްރީއަށް އަންގާފައިވެ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އޭނާއަށް މިއަދު އާލާސްކަންފުޅާ އުޅުއްވާތީ އޮފީހަށް ވެސް އަދި މަޖިލީހަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މެންބަރުން ވިދާޅުވާ ގޮތުގައި ފިޝަރީޒްގެ އޮޑިޓް ރިޕޯޓަކީ އެހެން މުއައްސަސާތަކަށް ވުރެ، ބޮޑަށް ހުޔާނާތުގެ ތުހުމަތުތައް އެކުލެވިގެންވާ ރިޕޯޓެވެ. އެގޮތުން އެ އޮޑިޓް ރިޕޯޓް ބުނާ ގޮތުން 80 މިލިއަނެއްހާ ރުފިޔާ ގާނޫނާ ގަވާއިދާ ހިލާފަށް މިނިސްޓްރީން ބޭނުންކުރެވިފައި ވާތީ، އެ ފައިސާ ދައުލަތުގެ މާލިއްޔާއަށް ވަންނަންޖެހޭ ކަމަށް މެންބަރުން ދެކެވަޑައިގަންނަވަ އެވެ.

މާލިއްޔަތު ކޮމެޓީގެ މެންބަރުން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ފައިސާއާބެހޭ ކަންތައްތައް ކުރިން ބަލަހައްޓަމުން ގެންދިޔައީ ސިޔާސީ ބޭފުޅެއް ކަމުގައި ވިޔަސް މިހާރު އެކަން ކުރެއްވުމަށް ރައީސް އޮފީހުން ހަވާލުކޮށްފައި ވަނީ އޭނާއާ ކަމަށެވެ. އޭނާ ވިދާޅުވީ ސިވިލްސާވަންޓެއްގެ ގޮތުން މިނިސްޓްރީގެ ޒިންމާދާރު އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއާ އެކަންތައްތައް މިއަހަރުގެ މާޗް މަހު ހަވާލު ކުރި ފަހުން މިހާރު މިނިސްޓްރީގެ ހުރިހާ ކަމެއް ވެސް "ދާނީ ރަނގަޅަށް" ކަމަށެވެ. މިނިސްޓްރީގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގިނަ ރަށްތަކެއް މުއްދަތެއް ނެތް ގޮތުގައި ދޫކޮށްފައިވާ ކަމަށާއި ދަނޑުވެރިކަން ކުރުން ފަދަ އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި އެތައް ރަށަކުން ދައުލަތަށް ލިބެން ޖެހޭ 54.1 މިލިއަން ރުފިޔާ މިހާތަނަށް ވެސް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ މައްސަލައަށް ފިޝަރީޒް މިނިސްޓަރު ވަނީ ޖަވާބު ދެއްވާފަ އެވެ. މިނިސްޓަރު ޝަފީއު ވިދާޅުވީ ފިޝަރީޒްގެ ބެލުމުގެ ދަށުން ދޫކޮށްފައިވާ ރަށްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވިނިއު އޮތޯރިޓީން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މަސްވެރިންނަށް ސަބްސިޑީ ދޫކުރާ އިރު ދަތުރު ކުރުމަށް ބޭނުން ކުރާ ދޯންޏަކާއި އަދި ވެލި ނެގުމަށް ބޭނުންކުރާ ދޯންޏަކަށް އެ މިނިސްޓްރީން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަހަށް ނުފުރާތާ އަހަރަކާއި ގާތްވެފައިވާ ދޯންޏަކަށް ވެސް ސަބްސިޑީގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެ ތިން ދޯންޏަށް ސަބްސިޑީގެ ގޮތުގައި ޖުމްލަ 243،302ރ. ދޫކޮށްފައިވާ ކަމަށް އޮޑިޓް ހިސާބުތަކުން ދައްކަ އެވެ.

އޭގެތެރެއިން ދެ ދޯންޏަކަށް ދިން ސަބްސިޑީޒްގެ ފައިސާ އަމިއްލަ މީހަކު އޮޕަރޭޓްކުރާ އިންޖީނު ގެއަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވީ ނަމަވެސް މިނިސްޓްރީން އެކަމަށް އަޅާނުލައި އެ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ތެލުގެ ސަބްސިޑީ ދިނުމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 549،764ރ. މިނިސްޓްރީގެ އަމިއްލަ ހަރަދުތައް ކުރުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުން އެ މިނިސްޓްރީގެ ތިޖޫރީގައި ހުންނަ ފައިސާ ރަނގަޅަށް ބެލެހެއްޓަމަކުން ނުދެ އެވެ. އަދި ތިޖޫރީގައި ބޮޑެތި އަދަދުތަކުން ފައިސާތައް ގެންގުޅޭ އިރު ތިޖޫރީގެ ފައިސާގެ ރިޕޯޓް ބަލަހައްޓާފައެއް ނުވެ އެވެ. އެގޮތުން ތިޖޫރި އޮޑިޓް ކުރި އިރު ވީނުވީއެއް ނޭނގި 2000 ވަރަކަށް ރުފިޔާ ވަނީ ގެއްލިފަ އެވެ. އަދި ފައިސާ ހޯދަން ޖެހޭ ޗެކްތައް ވެސް ތިޖޫރީގައި ހުރެ އޭގެ މުއްދަތު ހަމަވެފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.