12 Jul 2024, 10:50
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕަތީއާއި ފިރިމީހާ ވިވެކް ދަހިއާއަށް ޔޫރަޕްގެ އިޓަލީގައި ވައްކަމުގެ ޝިކާރައަކަށް ވެއްޖެއެވެ.
މި ދެމަފިރިން ދާދި ފަހުން ވަނީ ދެ މީހުންގެ ކައިވެންޏަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔޫރަޕްގެ އެކި ޤައުމުތަކަށް ދަތުރުކޮށްފައެވެ. މި ދަތުރުގައި އިޓަލީގެ ސިޓީއެއް ކަމަށްވާ ފްލޮރެންސްގެ ރިސޯޓު ސަރަހައްދެއްގައި ވަގުތު ހޭދަކުރުމަށް ފަހު އެނބުރި އައިއިރު ދެ މީހުން ދަތުރުކުރި ކާރުގެ ތަޅު ހަލާކުކޮށް ބަޔަކު މީހުން ވަނީ ދެމަފިރިންގެ އަތުގައި ހުރި 10 ލައްކައެއްހާ އިންޑިއާ ފައިސާއާއި ކްރެޑިޓް ކާޑުތަކާއި ޕާސްޕޯޓުތައް އަދި އަގު ބޮޑުކޮށް ގަނެފައިވާ ބައެއް އެހެނިހެން ސާމާނުތައް ވެސް ވަގަށް ގެންގޮސްފައެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ވިވެކް ދަހިޔާ ބުނެފައިވަނީ، ފްލޮރެންސްގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ނެތުމުގެ ސަބަބުން ފުލުހުންނަށް ކޮށްދެވޭނެ މާ ބޮޑު އެހީތެރިކަމެއް ނެތް ކަމަށެވެ.
ފުލުހުން އެ މައްސަލަ ބަލައި ނުގަތުމުން އިންޑިއާ އެމްބަސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ވަގުތަކީ އެމްބަސީ ބަންދު ވަގުތެއް ކަމުން އެހީތެރިކަމެއް ނުލިބުނު ކަމަށް ވިވެކް ވަނީ ބުނެފައެވެ.

ވިވެކް އާއި ދިވްޔަންކާ ދަތުރުކުރި ކާރުގެ ބިއްލޫރި ތަޅާލާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް--ފޮޓޯ/ޕިންކްވިލާ
މި ވަގުތު ދިވްޔާގެ ދެމަފިރިން މަޑުކޮށްލައިގެން ތިބީ ފްލޮރެންސް ސިޓީ ކައިރީގައި އޮންނަ ކުޑަކުޑަ ޓައުންއެއްގެ ހޮޓަލެއްގައެވެ. އެ ހޮޓަލުގެ މުވައްޒަފުންގެ ފަރާތުން ދެމަފިރިންނަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް ވިވެކް ބުނެފައިވެއެވެ.
ނަމަވެސް، ދެމަފިރިންގެ އަތުގައި މި ވަގުތު ފައިސާ ނެތުމުގެ ސަބަބުން ވަގުތީ ޕާސްޕޯޓެއްގެ އެހީގައި ނަމަވެސް ބޭނުންވަނީ އެނބުރި އަމިއްލަ ޤައުމަށް ދާން ކަމަށާއި އެ އިންތިޒާމު އިންޑިއާގެ އެމްބަސީން ވީހާ ވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ވިވެކާއި ދިވްޔާ ވަނީ އެދިފައެވެ.
ވިވެކާއި ދިވްޔާގެ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މީހުންގެ ކާރު ޕާކު ކުރީ، ދެ މީހުން މަޑުކޮށްލައިގެން ތިބި ރިސޯޓަށް ޚާއްސަ ސަރަޙައްދުގައި ކަމަށާއި އެ ތަނުގެ މުވައްޒަފުންނަށް ވެސް ކާރުގައި ލަގެޖު ހުރިކަން އެނގޭނެ ކަމަށެވެ.
އެހެންވެ، ވިވެކްގެ ދެމަފިރިން ފަރުވާ ކުޑަ ކަމަށް ބުނެ ފާޑު ނުކިޔުމަށާއި މިއީ ކޮންމެ ފަދަ މީހަކަށް ވެސް ދިމާވެދާނެ ކަހަލަ ހާދިސާއެއްކަމަށް ކާމިޔާބު ޓީވީ ބަތަލާ ވަނީ ބުނެފައެވެ.