19 Jun 2012, 21:29
އިސްލާމްއާބާދު (ޖޫން 19): ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ މަޤާމުން ދުރުކޮށް އެ މަޤާމަށް އެހެން ބޭފުޅަކު ޢައްޔަން ކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް އަމުރުކޮށްފި އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓް އަމުރަކަށް ތަބާވެވަޑައިނުގެންނެވި ކަމުގެ ކުށް ސާބިތުވެފައިވާ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ މަޤާމުން ދުރުކުރުމަށް އެ ކޯޓުން މިއަދު ހަވީރު ނިންމީ އެ މައްސަލައާ ގުޅިގެން ކަމަށް، ގީލާނީ އަޒުލުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވި މައްސަލަ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ މައްޗަށް ސާބިތުވީ އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލައެއްގެ ތަހްޤީޤަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހޯދުމަށް ގީލާނީގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ޢަމަލު ކުރެއްވުމަށް އޭނާ ދެކޮޅު ހެއްދެވުމުންނެވެ. މިކަމަށް ދެކޮޅު ހެއްދެވުމުން މިމައްސަލާގައި ގިލާނީ ކުށްވެރިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ އެޕްރީލް މަހުގަ އެވެ.
ގިލާނީ ސުޕްރީމް ކޯޓްގެ އަމުރަށް ތަބާވެ ވަޑައިނުގަތީ ޕާކިސްތާނުގެ ގާނޫނު އަސާސީ އިން ރައީސް ޒަރުދާރީ އަށާއި ސަރުކާރުގެ އިސްވެރިންނަށް ޤާނޫނީ ހިމާޔަތް ލިބިވަޑައިގަންނަވާނެ ކަމަށް އޭނާގެ ވަކީލުން ކަށަވަރުކޮށްދެއްވުމުން ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ޒަރުދާރީގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގު އަލުން ފެށުމަށް ސުޕްރީމްް ކޯޓުން އަމުރުކުރީ ޕާކިސްތާނުގެ ރައީސަށާއި ސަރުކާރުގެ އިސްވެރިންނަށް ހިމާޔަތް ލިބޭ ގޮތަށްއޮތް ޤާނޫނު އުވާލުމަށް ފަހުގައި ކަމަށްވާތީ މިޙިމާޔަތް ގީލާނީ އަށް ނުލިބޭނެ ކަމަށް ގިނަ ޤާނޫނީ ވަކީލުން ކުރިން ވެސް ބުނެފައިވެ އެވެ.
ކޯޓްގެ ހުރުމަތް ކަނޑާލުމަކީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރެވޭނެ ކަމެއް ކަމަށް ޕާކިސްތާނުގެ ޤާނޫނު އަސާސީގައި ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މިމައްސަލާގައި ގީލާނީ ކުށްވެރިވެ ވަޑައިގަތްނަމަވެސް އޭނާ މަޤާމުން ދުރުކުރެވޭނީ ހަމައެކަނި ޕާލަމެންޓަށް ކަމަށް ޖީލާނީގެ ވަކީލުން ބުނެ އެވެ.
ޕާކިސްތާނުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތުއޮތީ ގީލާނީއާއި ޒަރުދާރީ ނިސްބަތްވެ ވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ އަށެވެ. އެހެންކަމުން ގީލާނީ މަގާމުން ދުރުނުކުރެވޭނެ ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީގެ އިސްވެރިން ވެސް ވިދާޅުވެ އެބޭފުޅުން ވަނީ ގީލާނީ އަށް ހިއްވަރު ދެއްވާފަ އެވެ.
ގީލާނީ އަޒުލުކުރުމަށް ސުޕްރީމް ކޯޓުގެ އަމަރު އިއްވަމުން އުއްތަމަ ފަނޑިޔާރު އިފްތިޚާރު މުޙައްމަދު ޗަވްދަރީ ވިދާޅުވީ ގީލާނީއަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ނޫންކަމަށާއި އަދި އޭނާއަކީ ޕާކިސްތާނުގެ ޕާލަމެންޓްގެ މެންބަރެއް ނޫން ކަމަށް ކަނޑައަޅައި ސުޕްރީމްކޯޓުން ޙުކުމްކުރީ ކަމުގަ އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)