11 Jul 2024, 18:40
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ ވޮލްކާ ޓޫކްއާ ބައްދަލުކުރައްވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.
ވޮލްކާ ޓޫކްއާ މިއަދު ޝާހިދު ބައްދަލުކުރެއްވީ، ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ޝާހިދުގެ ވާހަކަފުޅުގައި އިންސާނީ ހައްގުތަކުގެ މުހިއްމުކަމާއި، އަދުގެ ދުނިޔޭގެ ހައްގުތަކަށް އަރައިގަތުން އިތުރުވެފައިވާ މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ވަކިން ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވިފައިވާކަން ފާހަގަކުރައްވައި، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް، އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ އަރިހުން ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ވޮލްކާގެ ވާހަކަފުޅުގައި، އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވިއިރު އިންސާނީ ހައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ އެކަމަށް ތައުރީފު ވެސް ކުރައްވާފައެވެ.
އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅާއި، ޝާހިދުގެ ވަޒީރުކަމުގައި ޖެނީވާގައި ދިވެހިރާއްޖެއިން އަދާކުރި އިސް ދައުރަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ.