11 Jul 2024, 16:00
މި އަަހަރުގެ މިހާތަނަށް ސްކޭމް މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓު ބްލޮކްކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ވަނީ މިހާރު އެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަ ދެ މައްސަލައެއްގެ ތަފުސީލުތައް ހިއްސާކޮށްފައެވެ.
އެ ތަފުސީލުތައް ހިއްސާކުރަން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންސްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ، ސްކޭމްތަކުގައި ޕޮލިހުންނާ ހަމައަށް އަންނަ ނަންތަކަކީ މި ކުށްތަކުގެ އަޑީގައި ތިބޭ ފަރަތާތްތަކެއް ނޫން ކަމަށެވެ.
އެ ނަންތަކަކީ އެ ސްކޭމްތައް ކުރުމަށް ރާވާ ހިންގާ ފަރާތްތަކުން މިކަމުން ކުޑަ މަންފާއެއް ލިބޭ ގޮތަށް އެ ފައިސާ ނަގައިދިނުމުގައި އެހީވާ މީހުން ކަމަށް ނަވީދް ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަފްސީލުތައް: ސްކޭމް މައްސަލަތަކުގައި އަހަރުގެ މިހާތަނަށް ބެންކުން 500އަށް ވުރެ ގިނަ އެކައުންޓު ބްލޮކްކުރި ---- ސަން ފޮޓޯ/ އަމަން ލަތީފް
އެ ގޮތުން މި އަހަރު ފެށިގެން ބޭންކުން ވެސް ސްކޭމްގެ މައްސަލަތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ނަވީދު ވިދާޅުވިއެވެ.
އެއް ސްކޭމަށްވުރެ ގިނަ ސްކޭމެއްގައި އެކައުންޓެއް ކުރަނީ ކަމުގައި ވާނަމަ، އެ އެކައުންޓެއް އެބަ ބްލޮކްކޮށްލާ. އެ ސަބަބާ ހެދި މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މި އަހަރު މި ހިސާބަށް އައިރު 500އަށް ވުރެ ގިނަ އެކައުންޓު ބޭންކުން އެބަހުރި ބްލޮކްކޮށްފައި،އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޮންސްގެ ހެޑް، އާދަމް ނަވީދު
މި އަހަރު ހުށަހެޅޭ މައްސަލަތަކުގައި ފުރަތަމަ ލޭޔަރުގައި އެކައުންޓުން ޓްރާންސްފާ ކުރުމަށް ބޭނުންކުރާ އެކައުންޓުތަކަކީ މުޅިން އަލަށް ސްކޭމްތަކަށް ވަދެގެން އަންނަ އެކައުންޓުތަކެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.