11 Jul 2024, 15:46
ޣައްޒާ (11 ޖުލައި 2024): އެމެރިކާއާއި ޔޫރަޕްގެ އެހީގައި އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް ކިތަންމެ ވަރަކަށް ހިންގަމުން ގެންދިޔަ ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުން ބަލިނުކުރެވޭ ކަމަށާއި މުޖާހިދުން ތިބީ ވަރަށް ވަރުގަދަކޮށްކަމަށް ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ދުރަށް ފޮނުވި ހަމާސްގެ ޚިތާބެއްގައި އަބޫއުބައިދާ ވިދާޅުވީ، އެމެރިކާއާއި އިނގިރޭސިވިލާތުން އިސްރާއީލަށް ޒަމާނީ ހަތިޔާރާއި ވަސީލަތްތަކާއި ޖާސޫސީ މައުލޫމާތު އޮއްސަމުން ގެންދާއިރު ފަލަސްތީނުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުން ގެންދަނީ ބޭރުގެ އެއްވެސް އެހީތެރިކަމެއް ނުލިބި ކަމަށެވެ.
މުޖާހިދުންނަށް ބޭރުން ހަތިޔާރާއި ކާބޯތަކެތި ފަދަ އެއްވެސް ސަޕްލައިއެއް ނުލިބޭ ކަމަށާއި މުޖާހިދުން ބަރޯސާވަނީ އަމިއްލަ ނަފުސަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ވެސް މުޖާހުދުން ތިބީ އަސްކަރީ ގޮތުންނާއި ނަފުސާނީ ގޮތުން ވަރަށް ވަރުގަދަކޮށް ކަމަށާއި އިސްރާއީލުގެ ފަރާތުން ފެންނަނީ ހަނގުރާމައިގެ މައިދާނުގައި އަސްކަރީ ގޮތުން ބަލިކަށިވަމުންދާ މަންޒަރުކަމަށް ހަމާސްގެ އަސްކަރީ ތަރުޖަމާނު ވިދާޅުވިއެވެ.
އުބޫއުބައިދާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ އެތައް ހާސް ޒުވާނުން ފާއިތުވި މަސްތަކުގައި މުޖާހިދުންގެ ޖަމާއަތްތަކާ ވަނީ ގުޅިފައެވެ. މިކަމުގެ ސަބަބުން މުޖާހިދުންގެ ގާބިލުކަން އެތައް ގުނައަކަށްވަނީ އިތުރުވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ބަދަލުގައި އިސްރާއީލުގެ ފަރާތުން ފެންނަމުންދަނީ ޣައްޒާގައި މަރުވެދާނެތީ ހަނގުރާމައިގެ މައިދާނުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު ފިލަމުންދާ މަންޒަރާއި މުޖާހިދުންގެ ހަމަލާތަކާ އެކު އިސްރާއީލުގައި އަމާންކަން ނެތުމުން ޔަހޫދީންގެ އެތައް ލައްކަ ބަޔަކު އިސްރާއީލު ދޫކޮށް، އެ މީހުންގެ އަސްލު ގައުމުތަކަށް ހިޖުރަކުރާ މަންޒަރު ކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ކުރިއަށްގެންދަނީ ﷲ ސުބްޙާނަހޫ ވަތައާލާއަށް ވަކީލުކޮށްގެން މުޖާހިދުންގެ ހުރިހާ ޖަމާއަތްތަކެއް ގުޅިގެން އާދަޔާޚިލާފު ހިތްވަރަކާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އާއިލާތައް އެއްކޮށް ޝަހީދުކޮށް ހޮސްޕިޓަލްތަކާއި ސްކޫލްތައް ފުނޑާލައި ޣައްޒާގެ އާންމުންނަށް ކާބޯތަކެތި ނުދީ، އެ މީހުން ބަނޑަށް ޖައްސައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަނީ މުޖާހިދުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނާއި ޣައްޒާގެ ރައްޔިތުން ނަފުސާނީ ގޮތުން ބަލިކަށިކޮށްލުމުގެ މަގްސަދުގައި ކަމަށާއި މި ހުރިހާ ޖަރީމާތަކާ އެކު ކޮންމެ ދުވަހު އެތައް ސަތޭކައިން އާންމުން މަރަމުން ގެންދިޔަ ނަމަވެސް ޣައްޒާގެ އާންމުން ތިބީ އެ މީހުންގެ ވަޒަން ދޫކޮށް ފިލައިގެންދާ ގޮތަށް ނޫން ކަމަށް އަބޫއުބައިދާ ވިދާޅުވިއެވެ.
މުޖާހިދުން ތިބީ އިސްރާއީލު ހަމަބިމަށް ތިރިކޮށް ފަލަސްތީނު މިނިވަން ކުރުމުގެ ވަރުގަދަ ހިތްވަރާއި އުންމީދާއިި އާދަޔާ ޚިލާފު ޖޯޝުގައި ކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ.
އަބޫއުބައިދާގެ ޚިތާބުގައި ޔަހޫދީ އުދުވާން އަހަރުތަކަކަށް ދިގުދެމިގެންދިޔަ ނަމަވެސް މުޖާހިދުން ބަލި ނުކުރެވޭނެކަމުގެ އިންޒާރު އިސްރާއީލަށާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕަށް ދެއްވިއެވެ. ޔަހޫދީ ޓެރަރިޒަމަށް ވާގިވެރިވެގެން ހުޅަނގަށް ލިބޭނީ ގެއްލުމާއި ހަލާކު ކަމަށް ވެސް އިޝާރާތްކުރެއްވިއެވެ.
އަބޫއުބައިދާގެ ޚިތާބުގައި ފަލަސްތީނުގެ ހައްގުގައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށާއި ޔަމަންގެ ހޫޘީންނަށާއި އިރާގުގެ އިސްލާމިކް ރެސިސްޓެންސް ޖަމާއަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ހިޒްބުﷲގެ ރައްދު ހަމަލާތަކުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވާއިރު އަދި ހިޒްބުﷲއިން އިސްރާއީލުގެ އުތުރުގެ ބޮޑު ބައެއް ފުނޑާލާފައިވާއިރު ހޫޘީން އަރަބި ކަނޑާއި ރަތްކަނޑާއި މެޑިޓަރޭނިއަން ކަނޑުގައި އިސްރާއީލާ ދެކޮޅަށް ތަންފީޒުކުރަމުން ގެންދާ ކަނޑުގެ ޙިސާރުގެ ފިޔަވަޅުތަކާއި އިރާގުގެ ޖަމާއަތްތަކުން އިސްރާއީލުގެ ކަނޑުގެ ބަނދަރުތަކަށް ދޭ ކާމިޔާބު ހަމަލާތަކުގެ މުހިންމުކަން އަބޫއުބައިދާ ފާހަގަކުރެއްވިއެވެ.
އަބޫއުބައިދާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި ސިފައިން ދަނީ މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި މަރުވަމުންނެވެ. އަދި، ޣައްޒާވެފައިވަނީ އިސްރާއީލު ސިފައިންގެ ކައްވަޅަކަށެވެ. ޣައްޒާއިން ހަމާސްގެ މަދަނީ ވެރިކަން ވައްޓާލުމަށާއި ހަމާސްގެ ވެރިކަމުގެ ބަދަލުގައި އިސްރާއީލަށް ޕަޕެޓް ހެދިގެން އުޅޭނެ ބަޔަކު ހޯދައި އެ ފަރާތާ ވެރިކަން ހަވާލުކުރުމަށް އިސްރާއީލާއި އެމެރިކާއިން ކުރި ހުރިހާ މަސައްކަތްތަކެއްވަނީ ނާކާމިޔާބު ވެފައެވެ.