11 Jul 2024, 13:43
ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތަކަށް މިއަދު ބުރޫއަރައިފިއެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ޚިދުމަތަށް ބުރޫއެރީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ ގޮތުން ބީއެމްއެލް ކާޑާއި ގޭޓްވޭގެ އިތުރުން ކާޑު މެޝިން އަދި އޭޓީއެމްގެ ޚިދުމަތަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފައިވެއެވެ.
ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކުރަން ބީއެމްއެލުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ބޭންކުންވަނީ މި މައްސަލައާ ގުޅިގެން ދިމާވެދާނެ ދައްޗަކަށް މާފަށް އެދިފައެވެ.
ބީއެމްއެލްގެ ޚިދުމަތް އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ ތެރެއިން ވެސް ބައެއް ފަހަރު އެ ބޭންކުގެ ޚިދުމަތްތަކަށް ބުރޫއަރައެވެ. ނަމަވެސް، ގިނައިރުތަކެއް ނުވެ، ބީއެމްއެލުން އެ މައްސަލަ ހައްލުކުރެއެވެ.