11 Jul 2024, 14:18
ހ. ހުދުފިނިފެންމާގޭގައި މީހުން ތިއްބައި، އެ ގޭގެ ދޮރު ބަންދުވާ ގޮތަށް ވަށާފާރު ރާނަން އުޅުނު މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.
"ސަން"އާ ވާހަކަ ދައްކަމުން ހުދުފިނިފެންމާގޭގެ ވެރިފަރާތް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ޙަސަން ޝާކިރު ވިދާޅުވީ, އެ ގޭގެ ދޮރު ބަންދުވާ ގޮތަށް ފާރު ރާނަން މަސައްކަތްކުރަނީ ހުދުފިނިފެންމާގެއާގޭގެ މީހުން ކަމަށެވެ. އެ ގެއަކީ ހުދުފިނިފެންމާގޭގެ އެތެރެއަށްވާ ގޮތަށް ހުންނަ ގެއެކެވެ.
ޝާކިރު ވިދާޅުވި ގޮތުގައި ހުދުފިނިފެންމާގޭ އިމާރާތުގެ ދެކުނަށް ގޯޅިއެއް އޮވެއެވެ. އެ ގޯޅިއަކީ ސަރުކާރުގެ ތަނެއް ކަމަށާއި، އެ ގޯޅީގައި ސަރުކާރުގެ ފަރާތުން އޮންނަނީ ގާ ވެސް އަތުރައިދީފައި ކަމަށް ޝާކިރު ވިދާޅުވިއެވެ.
ނަމަވެސް، ހުދުފިނިފެންމާގެއާގޭގެ މީހުން އެ ގޭގެ ދޮރު ކަނޑަން މަސައްކަތްކުރަނީ ޝާކިރުގެ ގޯތީގެ އިމުގެ ތެރެއިން، ގޭގެ އިންފާރު ތަޅާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މި މައްސަލަ ދިމާވެގެން، މާލޭ މުނިސިޕަލްޓީން ވެސް ދެ ފަހަރެއްގެ މަތިން މައްސަލަ ޖެހިގެން އުޅޭ ދޮރު ނަގާފައިވެއެވެ.
ޝާކިރު ވިދާޅުވި ގޮތުގައި ހުދުފިނިފެންމާގެއަކީ 1992ވަނަ އަހަރު، ޝާކިރުގެ ޅިޔަނު އޭނާއަށް ހިބަކޮށްދީފައިވާ ގޯއްޗެކެވެ. މީގެ ތިން އަހަރު ކުރިން އެ ތަނުގެ ރަޖިސްޓްރީ ވެސް ލިބިފައިވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނީ, ގަލޮޅު ގެއެއްގައި ގޯތިގެދޮރާއި ގުޅުންހުރި މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހުދުފިނިފެންމާގޭގައި ހަ ބުރީގެ އިމާރާތެއް އެޅުމަށް މާލޭ މުނިސިޕަލްޓީން އޮތީ ޝާކިރަށް ހުއްދަ ދީފައެވެ. ނަމަވެސް, އެ ގޭގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނިކޮށް، 2009 ވަނަ އަހަރު މުނިސިޕަލްސޓީންވަނީ ގާނޫނީ ސަބަބެއް ނެތި، އެ މަސައްކަތް ހުއްޓާލުމަށް ޝާކިރަށް އަންގާފައެވެ.
އެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝާކިރަށް ތިން ލައްކަ ރުފިޔާ ދޭން ހައިކޯޓުން ވެސް ހުކުމް ކުރިއެވެ. އެ ފައިސާ ވަނީ ދޫ ވެސް ކޮށްފައެވެ.