11 Jul 2024, 13:19
ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިންގާ ޖާސޫސީ އިދާރާއަށް ފޯނު ކޯލުތަކާއި މެސެޖްތައް އަޑުއެހުމުގެ ހުއްދަ ދީފިއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި، ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޖިލީހަށް މައުލޫމާތު ދެއްވަމުން ޕާކިސްތާނުގެ ގާނޫނުތަކާބެހޭ ވަޒީރު އައްޒާމް ނަޒީރު ތަރާރު ވިދާޅުވީ އެ ބަދަލާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޓެލެކޮމިއުނިކޭޝަން ވުޒާރާއަށް އަންގައިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށެވެ.
"ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރާ ކޮންމެ މީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ."
އެ ހުއްދަ ބޭނުންކުރާނީ ޖިނާއީ ކުށްތަކުގެ މައްސަލަތަކުގައާއި، ޓެރަރިސްޓު ހަރަކާތްތަކުގައި ކަމަށާއި އެކަމުން އާންމުންގެ ޒާތީ ކަންކަމަށް އަސަރު ނުކުރާނެކަން ސަރުކާރުން ޔަގީންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ޖަލުގައި އޮންނެވި ކުރީގެ ބޮޑު ވަޒީރު އިމްރާހް ޚާން ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީން ވަނީ މަޖިލީހުގައި އެކަމާ ދެކޮޅު ހަދައިފައެވެ.
އިމްރާން ޚާން މީގެކުރިން ވަނީ ގާނޫނީ ހުއްދަ ނެތި ސިޔާސީ މީހުންގެ ފޯނު ކޯލްތަކާއި އޭނާގެ އަމިއްލަ ފޯނު ކޯލްތައް ވެސް އައިއެސްއައި އިން ފާރަވެރިވުމަށް ތާއީދު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން ޕާކިސްތާނުގެ މައުލޫމާތުދިނުމާބެހޭ ވުޒާރާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.