19 Jun 2012, 17:35
ފުލުހުންނާއި ސިފައިންގެ ޔުނީފޯމްތައް ވަގަށް ނެގި ބަޔަކު އެ ޔުނީފޯމްތައް ބޭނުންކޮށްގެން މާރާމާރީ އާއި ފޭރުމާއި އަދި ވައްކަމުގެ އަމަލުތަކެއް ހިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ރައްޔިތުންނަށް އަނިޔާކޮށް ފޭރެމުންދާ ކަމަށް ބުނެ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފުލުހުންނާއި ސިފައިން ލައްވައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގީ އެމްޑީޕީ ސަރުކާރުން ކަމަށާއި މިއަދު ސިފައިންނާއި ފުލުހުންގެ ބޮލުގައި ބަދުނާމު އެޅުވުމަށް މަޖިލީހަށް މައްސަލަތައް ވައްދަނީ ސިފައިންނާއި ފުލުހުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށް ކަމަށެވެ.
"ފުލުހުންނާއި ސިފައިން ލައްވައި ގާނޫނާއި ގަވާއިދާ ހިލާފް ކަންތައްތައް ކުރުވީ އެމްޑީޕީގެ ސަރުކާރުން. މިއީ ފެންނަން އޮތް ހަގީގަތެއް. މި މީހުންގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންގެ ޔުނީފޯމް ވަގަށްނަގައިގެން މިއަދު އެ ޔުނީފޯމްތައް އަޅުވައިގެން މީހުން ތަންތަނަށް ފޮނުވައިގެން މަރާމާރީ ހިންގައި ވައްކަންކޮށް ހަދާފައި ސިފައިންނާއި ފުލުހުންގެ ބޮލުގައި އެކަމެއް ނޭޅުވޭނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި، ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވެސް ވަނީ ފުލުހުންނާއި ސިފައިންގެ މުޅި މުއައްސަސާގެ އަގުވައްޓާލުމަށް އެމްޑީޕީ އިން ހިންގާ އަމަލުތަކަކީ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް ވިދާޅުވެ، އެކަން ކުށްވެރިވެސްކޮށްފަ އެވެ.
ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަލާކުކޮށްލުމަށް ޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާވައިގެން ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަދު ފެނިގެން މިދަނީ، އެމީހުން (ރައީސް ނަޝީދަށް) ވެރިކަން ގެއްލޭ ވަގުތު ބަޣާވާތް ގެނައުމަށް ޓަކައި ނުވަތަ ބަޣާވާތްކުރާނެ ބަޔަކު ފުލުހުންނާއި ސިފައިންގެ ތެރޭގައި އުފެއްދުމަށް ޓަކައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ 2007 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެއް. ދިފާއީ ބާރާއި އަމަން އަމާންކަން ބެލެހެއްޓުމުގެ މުއައްސަސާ ހަލާކުކޮށް، ގައުމުގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުމަށް ނަޝީދު ކޮށްފައިވާ މަސައްކަތުގެ ހިތި ނަތީޖާ ފެންނަމުން މިދަނީ. ޖަލުންނާއި އެހެންތަންތަނުން މުޖުރިމުން ހޯދައި އެފަރާތްތަކަށް ސިފައިންނާއި ފުލުހުން ގެއިން ވަޒީފާ ދިނުމުގެ ނަތީޖާ ފެންނަމުންދަނީ. އެއީ އެމްޑީޕީން މިއަދު ކުރުވާކަކަމީ. އެމީހުންލައްވައި ވައްކަން ކުރުމާއި ލޫޓުވުމާއި ކަންތައް ކުރުވަނީ. އެއީ އަޅުގަނޑުމެންނަށް އެނގޭކަމެއް. ސާޅީސް ހަމީހުން ޖަލުން ނެރެގެން ގެނަސް ވެއްދިކަން އެއީ އެނގޭކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ އަލީ ސަލީމް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އަގުވައްޓާލުމުގެ ކެމްޕޭނެއް އެމްޑީޕީން ކުރަނީ ޣައިރު ގާނޫނީ ކަންތައްތަކަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމުން އެ ފަރާތްތަކުގެ އަގުވައްޓާލުމަށް ޒާތީގޮތުން ކަމަށެވެ.
"މިކަމަކީ... އިސްލާމީ މަރުކަޒު އެހެރަ ތަނުގައި ފައްޅި އެޅުމަށް ރާވާފައިވާފައި އޮތް ރޭވުމުގައި ސިފައިންނާއި ފުލުހުން ބައިވެރިވެ، އެމީހުން ހިމާޔަތްތެރިކޮށް ރައްކާތެރިކޮށް، އެ ފައްޅި އެޅުމަށްޓަކައި [ހިތްވަރުނުދިނުމުން] އެމީހުން ދެކެ އައިސްފައިވާ ރުޅިން ލާފައި އޮތް މައްސަލައެއް،" އަލީ ސަލީމް ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މުޅި ފުލުހުންގެ ބޮލުގައި ބަދުނާމް އެޅޭ ގޮތަށް މަޖިލީހުގެ ތަޅުމުގެ ފުލޯއަށް ގެނެސް ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ކުއްލި މައްސަލައިގައި ފުލުހުންނާއި ސިފައިން ފޭރުނު ކަމަށް ވާހަކަ ދައްކާއިރު އެކަން ހިނގާފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައޭ ފުރަތަމަ ފޭރެންފެށީ ފުލުހުންގެ ތެރެއިން. އެ މަސައްކަތް ކީއްވެތޯ ނުހުއްޓުވުނީ. ފުލުހުންގެ ތެރެއަށް ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ވަގުންނާއި މާރާމާރީ ހިންގާ މީހުން އެތަނުގެ ތެރޭގައި އެބަތިބި. އެމީހުން ނުނެރެ އެތަން ރަނަގަޅެއް ނުވާނެ. ޕްލޭނެއްގެ ދަށުން އެކަންކުރީ. ފަސް އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އޮތީ ގޭންގަކަށް ހަދާލާން ތައްޔާރުކޮށްފައި،" ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އެންމެ އިސް ޒިންމާ ކަމުގައިވާ، ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައި ދިނުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށެވެ. އަދި ގައުމުގައި ކަޓަރު އެޅުމާއި މާރާމާރީ އާއި ހަމަނުޖެހުންތައް ކުރިއަށް ދާއިރު އެކަންކަން ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.