11 Jul 2024, 11:36
މި ދުވަސްވަރު ގައިން ގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުން އަންނާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 23 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ލޮލު ރޯގާގެ 407 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ މަހުގެ 30 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ އެ ބަލީގެ 337 ކޭސް ރިޕޯޓްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ، ލޮލޮރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ އަތޮޅާއި ފުވައްމުލައް ސިޓީން ކަމަށެވެ.
ނަމަވެސް، ލޮލު ރޯގާއާ ޚިލާފަށް ފާނަބަސަނދު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެ ގޮތުން، އެ ބަލިޖެހިގެން 94 ކޭހެއް މިދިޔަ މަހުގެ 23 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިދިޔަ ހަފުތާގައި އެކަނި ވެސް ފާނަބަސްދުގެ 107 ކޭސް ފެނިފައިވާ ކަމަށެވެ. މި ބަލީގެ ކޭސްތައް އެންމެ ގިނައިން އެޗްޕީއޭއަށް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދާއި ޅ އަދި އައްޑޫ ސިޓީންކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް އެޗްޕީއޭއިން ބުނީ، ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ވެސް ފެތުރެމުން އަންނަ ކަމަށެވެ. މިދިޔަ މަހުގެ 23 އިން 29 ވަނަ ދުވަހަށް މި ބަލީގެ 11 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ވަނީ 35 ކޭހެއް ރިޕޯޓްކޮށްފައެެވެ. މި ބަލީގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ މާލޭ ސަރައްދުގެ އިތުރުން އދ. އަތޮޅުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހޭންޑް ފުޓް އެންޑް މައުތު ޑިޒީސްއަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާއިރު، މި ބަލި ޖެހުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެއެވެ. މި ގޮތުން، ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި، ފޮޅުން ނުކުންނަ ދިޔަ، ކެއްސާ ކިނބިހި އަޅާއިރު ނޭވައިލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަސް ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ.

ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ޖެހުމުން ފެންނަ އަލާމާތްތައް ---- ފޮޓޯ/ޑަބްލިއުޖޭއެލްއޭ، ގޫގުލް
ބަލީގެ އަލާމާތްތައް:
ކަރުތެރެ ފާރުވުން
- ކާހިތް ނުވުން
- ވަރުދެރަވުން
- ހުން އައިސް ބޮލުގައި ރިއްސުން
- އަތް ތިލައާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނަގައި، ފެން ފޮޅަކަށް ބަދަލުވުން
އެހެންކަމުން، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އައިޖީއެމްއެޗް ހޮސްޕިޓަލުން ރޭ ވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މާސްކު އަޅައިގެން އެ ހޮސްޕިޓަލަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.