11 Jul 2024, 10:08
މީހެއްގެ ސައިކަލެއް ވަގަށް ނަގައިގެން ދުއްވި މީހަކު ދެ އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ހާދިސާ ހިނގީ މި އަހަރުގެ ޖެނުއަރީ 10 ގައެވެ.
އެ ދުވަހު އޯކިޑުމަގު، ރޯޑް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އޮފީސް ކައިރީގައި ހުރި ފެހި ކުލައިގެ ކިޔުބިކްސް ސައިކަލެއް ވަގަށް ނެގައިގެން ދުއްވިކަން ސާބިތުވެފައިވަނީ ރ. ކަނދޮޅުދޫ/ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށެވެ.
އެ މައްސަލައިގައި ދައުލަތުން އިރުޝާންގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ.
އޭނާ ވަނީ އިބުތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައެވެ.
އެހެންވެ، އަވަސް ނިޔާގެ ޝަރީއަތެއް ބާއްވައި އިއުތިރާފުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އިރުޝާންގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަން ހުކުމްކޮށްފައެވެ.
އެކަމަކު، މައްސަލައިގެ ތުހުމަތުގައި އޭނާ ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމަށް ފަހު، އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.