ލަންޑަންގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފަހު ދެ ޖާގަ މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗާއި 25ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޖޯކޮވިޗަށް ޖާގަ ލިބުނީ ކުއާޓާ ފައިނަލްގައި އޭނާއާ ދެކޮޅަށް ކުޅެން އޮތް މުބާރާތުގައި ނުވަވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯގެ އުނަގަނޑަށް އަނިޔާވުމުގެ ސަބަބުން މެޗު ނުކުޅެ، ދޫކޮށްލުމާ އެކުއެވެ.

އެކަން ހާމަކުރަމުން ޑި މިނޯ ބުނީ، އަނިޔާވެ މެޗު ދޫކޮށްލަން ޖެހުމުން ހިތް ހަލާކުވެފައިވާ ކަމަށެވެ.

އޭނާގެ އުނަގަނޑަށް އަނިޔާވެފައިވަނީ ހަތަރުވަނަ ބުރުގައި އާތާ ފިލްސްއާ ބައްދަލުކުރި މެޗު ނިމެން ގާތްވެފައިވަނިކޮށެވެ.

އެހެންވެ، ޖޯކޮވިޗަށް ވަނީ އަށްވަނަ ފަހަރަށް ވިމްބަލްޑަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅިފައެވެ. މި ފަހަރުގެ މުބާރާތް އޭނާއަށް ކާމިޔާބުކުރެވިއްޖެ ނަމަ ޖޯކޮވިޗަށް މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ބެލެވިފައިވާ ސްވިޓްޒަލަންޑްގެ ކުރީގެ ތަރި ރޮޖާ ފެޑެރާއާ އަރާ ހަމަކުރެވޭނެއެވެ.

ޖޯކޮވިޗަކީ މި ވަގުތު އެންމެ ގިނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ.

ސެމީފައިނަލްގައި ޖޯކޮވިޗާ ވާދަކުރާ މުސޭޓީ ޖާގަހޯދީ ކުއާޓާ ފައިނަލްގައި 13ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ 3-6، 7-6، 6-2، 3-6 އަދި 6-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މުސޭޓީ ވަނީ ވިމްބަލްޑަންގެ ސެމީފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފައެވެ.