ލ. މާބައިދޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 19 އަހަރުން ދަށުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކުރީ ލ. މާބައިދޫ އަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ މާބައިދޫއަށް އައި ބޯޓަކުން އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓާ ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ކުޑަކުމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބެންޒޯއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.