ބަތަލާ ތާޕްސީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި އެޑްވެންޗަ ޑްރާމާ ފިލްމު "ދަކް ދަކް" ކާމިޔާބުކަމާ އެކު ރިލީޒްކުރެވުނީ ބަތަލާ ދިއާ މިރުޒާގެ އެހީތެރިކަމާ އެކު ކަމަށް ތާޕްސީ ބުނެފިއެވެ.

ފިލްމުފެއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވަނީ ފިލްމު ރިލީޒްކުރުމުގެ ތާރީޚު ކައިރިވުމާ އެކު ފިލްމުގެ ކޯ-ޕްރޮޑިއުސަރުންގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. ތިން ޖީލެއްގެ އަންހެނުންތަކެއް ލީޑް ރޯލުން ފެނުނު މި ފިލްމަކީ، ބެލުންތެރިންނަށް ކަމުދާނެ މަސާލާ ފިލްމެއް ނޫންކަމަށް ގަބޫލުކުރެވިގެން ތާޕްސީއާ އެކު ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރި މީހުން ފިލްމުގެ ޕްރޮމޯޝަންތައް ވެސް ބޭއްވުމަށް ބޭނުން ނުވިކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމުގެ ކޯ-ޕްރޮޑިއުސަރުންގެ ބަހަށް ހެއްލި އެގްޒިބިޓާސްއިން ފިލްމު ދައްކަން ތިއޭޓަރު ދޭން ބޭނުންނުވި ކަމަށާއި އެ ވަގުތު އެންމެ ބޮޑަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނީ ފިލްމުގެ ލީޑް އެއް ބަތަލާ ކަމަށްވާ ދިއާ މިރުޒާ ކަމަށް 36 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ދިއާގެ އިތުރުން ފިލްމުގެ މުހިއްމު ރޯލް ކުޅުނު އެހެން ތަރިން ވެސް އެހީތެރިވި ކަމަށާއި ދިއާ ވަނީ ފިލްމު މާކެޓު ކުރުމުގެ އިންތިޒާމު ދިއާގެ އަމިއްލަ ގޭގައި ކުރިއަށް ގެންގޮސްފައި ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

ބަތަލާ ދިއާ މިރުޒާ އަދި ތާޕްސީ--ފޮޓޯ/ފިލްމުފެއަ

ތާޕްސީ ބުނެފައިވާ ގޮތުގައި އިންޑަސްޓްރީގައި މަސައްކަތްކުރާ ތަޖުރިބާކާރު ބަތަލާއެއްގެ ފަރާތުން އޭރު ލިބުނު އެހީތެރިކަމަކީ އާއްމުގޮތެއްގައި ވަރަށް މަދުން ނޫނީ ފެންނަ މަންޒަރެއް ކަމަށާއި އަމިއްލައަށް ލީޑް ރޯލް ކުޅެފައިވާ ފިލްމެއް ރިލީޒްކުރުމުގެ ހުރިހާ ޒިންމާއެއް ދިޔާ ނެގީ އެއްވެސް އިތުރު އަގަކާ ނުލާ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.

ފިލްމު "ދަކް ދަކް"ގެ ކުރިން ތާޕްސީ ވަނީ އިތުރު އެހެން ފިލްމެއް ވެސް ޕްރޮޑިއުސްކޮށްފައެވެ. އެއީ 2022ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބްލާ"އެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދުންކީ"އިން ބެލުންތެރިންނަށް ފެނުނު ބަތަލާ އެންމެ އަވަހަށް ފެންނާނީ ކުރިއަށް އޮތް އޮގަސްޓް މަހު ރިލީޒްކުރާ ފިލްމު "ވޮ ލަޅްކީ ހޭ ކަހާ"އިންނެވެ.