11 Jul 2024, 01:09
މޯލްޑިވްސް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑީއެމްޑީގެ މަގާމުގައި ހުންނަވައި މުހައްމަދު ބައްސާމް އާދަމް ޖިންސީ ފުރައްސާރަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައި، އެ ތުހުމަތު ސާބިތުނުވާ ކަމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް މިދިޔަ މާޗު މަހު ބައިވެރިވި އައިޓީބީ ބާލިން ފެއާގައި އެ ކުންފުނީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ.
އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން އިއުލާންކުރީ މިދިޔަ އޭޕްރިލް މަހުގެ އެކެއްގައެވެ. އޭރު ތުހުމަތު ރައްދުވަނީ ކޮން ފަރާތަކަށް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. ނަމަވެސް ޖިންސީ ފުރައްސާރަ ކުރީ ބައްސާމް ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ ސަަސްޕެންޑުކޮށްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވެއެވެ.
އެ މައްސަލަ ބެލުމަށް ފަހު، ނިންމި ގޮތާ ގުޅޭ ސިޓީއެއް އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ސޮއި ކުރައްވައި، މިދިޔަ އަންގާރަ ދުވަހު ވަނީ ބައްސާމަށް ފޮނުވައިފައެވެ.
އެ ސިޓީގައިވަނީ، މިދިޔަ އޭޕްރީލް މަހު އެމްއެމްޕީއާރުސީގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އައިޓީބީ ބާލިން ދަތުރުގެ ތެރެއިން އެމްއެމްޕީއާރުސީގެ "ޓޮޕް މެނޭޖްމެންޓް"ގެ ބޭފުޅަކު، ޓީމުގައި ދަތުރުކުރި އަންހެން މުވައްޒަފަކަށް ކުޑައިމީސްވާ ގޮތަށް ވާހަކަދައްކައިފައިވާ ކަމަށް 'ބެކް ޓު އޮފީސް' ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ އެކަން ތަހުގީގު ކުރުމަށް އެ ކޮމިޓީން މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށް ސިޓީގައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު، އެ ފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށް ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން ބައްސާމް "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑު ނުކުރާ ކަމަށާއި މައްސަލަ ބަލަން ފެށުމުން އޭނާ އަމިއްލައަށް މަސްއޫލިއްޔަތުން އެކަހެރިވީ ކަމަށެވެ. އެއަށްފަހު ވަޒީފާއަށް ނުކުމެވަޑައިގަތީ އޭރުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އެދިވަޑައިގަތުމުން ކަމަށް ބައްސާމް ވިދާޅުވިއެވެ.
އޭޕްރިލް މަހުގެ ފަހުކޮޅު ފާތިމަތު މަގާމުން ވަކިކުރުމުން ވަގުތީ ގޮތުން އެމްޑީގެ މަގާމު ފުރުއްވި ބައްސާމް ވިދާޅުވީ، މިދިޔަ މަހު އެ މަގާމަށް އައްޔަންކުރި އިބްރާހީމް ޝިއުރީ ފުރައްސާރައިގެ މައްސަލަ އަމިއްލައަށް އިސްނަންގަވައިގެން ބެއްލެވި ކަމަށެވެ. އަދި، ތުހުމަތު ސާބިނުވާ ކަމަށް ސިޓީ ލިބުމުން، އެމްއެމްޕީއާރުސީގެ ބޭރުން މަސައްކަތް ކުރުމަށް ނިންމައި އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްސާމްގެ މަގާމާ ގުޅޭ ގޮތުން މިދިޔަ އަންގާރަ ދުވަހު އެމްއެމްޕީއާރުސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކުގެ ދަށުން ބައެއް މަގާމުތައް އުވާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ބައްސާމް ހުންނެވި މަގާމު ވެސް ހިމެނޭ ކަމަށެވެ.