10 Jul 2024, 22:02
ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސްއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދުސަރުކާރު ގެޒެޓްގައި ޝާއިއުކުރި އިއުލާނުގައި ބުނީ، ޗައިނާގެ ސިޝުއާން ޕްރޮވިންސްގެ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިއަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ދަތުރުގެ މައިގަނޑު މަގުސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށާއި އެގޮތުން، ދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސް އަންނަ މަހު ހަޔެއްގައި ބާއްވާނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ދަތުރުގައި އިސްކޮށް ހުންނަވާނީ ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ވައިސް ޗެއާމަން ކަމަށެވެ. އަދި އެ ޕްރޮވިންސުގެ ތަފާތު ވިޔަފާރިތައް ކޮންފަރެންސަށް ރާއްޖެ އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ވިޔަފާރިތަކުގެ ދާއިރާތަކަކީ:
ދަނޑުވެރިކަން
- މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
- ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
- ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
- ފަތުރުވެރިކަމާއި ބެހޭ ދާއިރާ
މިދާއިރާތަކުގެ ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު މި ކޮންފަރެންސްގައި ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައިވަނީ މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާއި ސިޝުއާން ޕްރޮވިންސްގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން، މި މަހުގެ 18 ވަނަ ދުވަހުގެ 14:00ގެ ކުރިންފޯމްހުށަހެޅުމަށެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގަައި ބުނީ ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާންއިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށެވެ.
މި ސަރުކާރުން އަންނަނީ ޗައިނާއާއެކު އިގުތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތައް ކުރަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން، އެގައުމާ ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި, ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް 'އިންވެސްޓް މޯލްޑިވްސް' ފޯރަމް އެގައުމުގައި ބޭއްވިއެވެ.