19 Jun 2012, 17:12
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ހަތަރު މީހަކު ހަތަރު މަހަށް ޖަލަށްލާން ތ. ކިނބިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހަތަރު މަހަށް ޖަލަށްލާން މިމަހުގެ 14 ވަނަ ދުވަހު ހުކުމްކުރި ހަތަރު މީހުންނަކީ ތ. ކިނބިދޫ ވައިމަތީގޭ، އަހުމަދު ޝާހިދު އާއި އެރަށު ނޫވިލާގޭ، އަބްދުލް މާނިއު އާއި ފަޖުރު، އަބްދުﷲ ސަމާއީލް އަދި ފަޒާ، މުހައްމަދު ރީހާންގެ މައްޗަށް ކަމަށެވެ.
އެމީހުން މައްޗަށް ކުށް ސާބިތުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކިނބިދޫގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެގެނެވެ.
މީގެ އިތުރުން އެރަށުގެ ގެއަކުން ވައްކަން ކުރި މައްސަލައިގަ މީހަކު ހަތް މަހަށް އަރުވާލަން ވެސް މިމަހުގެ 14 ވަނަ ދުވަހު ހުކުމް ވަނީ ހުކުމްކޮށްފަ އެވެ. ވައްކަމުގެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ވ. ކިނބިކުރި، އަބްދުﷲ ރަޝީދުގެ މައްޗަށް ކަމަށެވެ. އޭނާ އެރަށު ބަހާރު ގެއިން ވައްކަން ކުރިމައްސަލައިގައި ހައްޔަރު ކުރީ ނޮވެމްބަރު 22، 2010 ގަ އެވެ.