10 Jul 2024, 22:41
މިދިޔަ މަހު މީރާއިން 2.05 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 26.8 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު މިދިޔަ މަހު ކޯޕަރޭޓް އިންކަމް ޓެކުހާއި ޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްއިން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
މިދިޔަ ޖޫން މަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 748 މިލިއަން ރުފިޔާ ނުވަތަ 36.49 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 629 މިލިއަން ރުފިޔާ ނުވަތަ 30.69 އިންސައްތައެވެ.
މިދިޔަ މަހު މީރާއަށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 81.6 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޖުމްލަ 524 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިރާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އާމްދަނީއަށް ލިބުނު ފައިސާގެ ތެރޭގައި 76.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މީރާއަށް ލިބިފައިވަނީ ޖުމްލަ 14.7 ބިލިއަން ރުފިޔާއެވެ. އެއީ ޓެކުހުން ލިބުނު 12.5 ބިލިއަނާއި ޓެކްސް ނޫން އާމްދަނީން ލިބުނު 2.2 ބިލިއަން ރުފިޔާއެވެ.