19 Jun 2012, 16:37
މާލެތެރޭގައި ހަމަނުޖެހުން ހިންގައި ސިފައިންނާއި ފުލުހުންނަށް އެކި ގޮތްގޮތުން ހަމަލާ ދިނުމަށް ރާވައި ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ، ޝިޔަޅޭގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހ. ހެދޭތުނޑި ޝިއާން ޝަފީގް (ޝިޔަޅޭ)ގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ކަމަށެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމާ ދިމާކޮށް މާޗް 19 ވަނަ ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ރާއްޖޭގެ ދިފާއީ ބާރުތަކުގެ މުވައްޒަފުންނަށް ޖިސްމާނީ އަނިޔާ ދިނުމާއި މާލޭގެ އަމާންކަން ނަގާލައި ތަންތަނުގައި ހުޅުޖަހައި ހަދާފައިވާ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.