10 Jul 2024, 15:02
ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުށްވެރިނުކޮށް އަދި އެ ހަނގުރާމައަށް ބެލުމެއްނެތި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ރަޝިއާއަށް ވަޑައިގެން ރައީސް ވްލަދިމިޔާ ޕޫޓިންއާ ބައްދަލުކުރައްވައި، ވަރަށް ގާތްކޮށް މުއާމަލާތް ކުރެއްވުމުން އެމެރިކާއިންވަނީ ނުރުހުންވެ، ކަންބޮޑުވެފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިވް މިލާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެމެރިކާގެ ބައިވެރިއެއްގެ އިތުރުން އެމެރިކާއާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭގޮތަށް އުފައްދާފައިވާ އަމަނާ ޖަމާއަތް ކަމަށްވާ ކުއަޑް ޖަމާއަތުގެ މެންބަރެކެވެ. މިއީ ސްޓްރެޓީޖިކް ގުޅުންތަކެއްކަމުން އިންޑިއާއިން ރަޝިއާ އެކު ބާއްވާ ގުޅުންތަކުގައި މި ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިލާ ވިދާޅުވިއެވެ.
ރަޝިއާއަކީ ޒަމާނުއްސުރެ އިންޑިއާގެ ދިފާއީ އެންމެ ބޮޑު ބައިވެރިޔާއެވެ. އިންޑިއާ ސިފައިންގެ ހަތިޔާރުގެ ގާތްގަނޑަކަށް 60 އިންސައްތައަކީ އަދިވެސް ރަޝިއާގައި އުފައްދާ ހަތިޔާރެވެ. ޚާއްސަކޮށް އިންޑިއާގެ ވައިގެ ބާރުތަކުގެ ބޭނުންކުރާ ފައިޓާޖެޓްތަކާއި އެއާ ޓްރާންސްޕޯޓް މަތިންދާ ބޯޓުތަކާއި ޓޭންކްތަކާއި ހެލިކޮޕްޓަރުތަކުގެ ބޮޑު ބަޔަކީ ރަޝިއާގެ އުފެއްދުންތަކެވެ.
މި ތަކެއްޗަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގައާއި އެ ނޫން ވެސް ކަންކަމުގައި އިންޑިއާއިން އަދިވެސް ބަރޯސާވާން ޖެހެނީ ރަޝިއާއަށެވެ. ނަމަވެސް، އިންޑިއާއަށް ބޭނުންވާ ހަތިޔާރު އެމެރިކާއާއި ޔޫރަޕް އަދި އިސްރާއީލު ފަދަ ގައުމުތަކުން ހޯދުމަށާއި ބައެއް ހަތިޔާރު އިންޑިއާ އަމިއްލައަށް އުފެއްދުމަށް ވެސް އެ ގައުމުން މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.
އަނެއްކޮޅުން އިންޑިއާއަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑުބައި ވެސް ހޯދަނީ ރަޝިއާއިންނެވެ. ރަޝިއާގެ ކުންފުނިތަކުގައި އިންޑިއާގެ ގިނަ ބަޔަކު ވަޒީފާ ވެސް އަދާކުރެއެވެ. އަދި، އިންޑިއާގެ ދަނޑުވެރިކަމުގެ ގިނަ އުފެއްދުންތަކާއި ބޭހުގެ އުފެއްދުންތަކަށް ރަޝިއާގެ ބާޒާރުން ވަރަށް ބޮޑު ފުރުސަތެއް ލިބެއެވެ. އެހެންކަމުން ރަޝިއާއަކީ ހަތިޔާރާއި ހަކަތައިގެ ދާއިރާތަކުގެ އިތުރުން ވެސް އިންޑިއާއިން އިސްކަންދޭންޖެހޭ ވިޔަފާރީގެ ބައިވެރިއެކެވެ.
ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާއިރު އިންޑިއާގެ ވިޔަފާރީގެ އެއްވަނަ ބައިވެރިއަކީ ޔޫރަޕްގެ އިއްތިޙާދެވެ. އެ އިއްތިހާދުގައި ހިމެނެނީ 27 ގައުމެވެ. އިންޑިއާގެ ދެވަނަ ބައިވެރިއަކީ އާސިޔާންގެ ގައުުމުތަކެވެ. ތިންވަނަ ބައިވެރިއަކީ ޗައިނާއެވެ. އެމެރިކާ ހިމެނެނީ އިންޑިއާގެ ވިޔަފާރީގެ ހަތަރުވަނަ ބައިވެރިޔާގެ ގޮތުގައެވެ. ފަސްވަނަ ބައިވެރިޔާއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އެވެ. ހަވަނަ ބައިވެރިއާއަކީ ރަޝިއާއެވެ.
ނަރަންދުރަ މޯދީގެ ވެރިކަމުގައި އިންޑިއާގެ ޚާރިޖީ ސިޔާސަތުވަނީ ރަޝިއާއާ އެކު ބާއްވާ ގުޅުންތަކަށް ބުރޫ ނާރާގޮތަށް އެމެރިކާ، ޔޫރަޕް އަދި އިސްރާއީލާ ދިމާއަށް ވަރަށް ބޮޑަށް މިސްރާބު ޖަހައި މި ފަރާތްތަކާ އެކު ގުޅުންތައް ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. ނަމަވެސް، މި ގައުމުތަކާ އެކު އިންޑިއާގެ ގުޅުންތައް ބަދަހިކުރަނީ މައިގަނޑު ގޮތެއްގައި އިންޑިއާގެ ގައުމީ މަސްލަހަތަށް ރިއާޔަތްކޮށްގެންނެވެ. އިންޑިއާ ފަސްޓް ޕޮލިސީގެ އުސޫލުންނެވެ.
މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި އިންޑިއާއިން އިސްރާއީލާ ޚާއްސަ ގުޅުންތަކެއް ގާއިމުކޮށްފައިވަނީ އިސްރާއީލުގެ ބާރާއި ނުފޫޒު އެމެރިކާއާއި ޔޫރަޕްގައި ބޮޑުކަމުން އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވާނަމަ ހުޅަނގާ އެކު ބާގެއިން ކުރަން ފަސޭހަވާނެތީއެވެ. އިސްރާއީލަކީ ހުޅަނގުގެ ބަލިފައިކަން އެނގިގެންނެވެ. އިންޑިއާއިން ޚާރިޖީ ސިޔާސަތުތައް ރާވަނީ ބައިނަލްއަގުވާމީ މި ހަގީގަތްތަކުގެ އަލީގައި ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އެމެރިކާއާއި ޔޫރަޕް (ހުޅަނގު)ގެ ބަލިފައި ދެނެގެން އެ ފަރާތްތަކާ މުއާމަލާތްކުރުމުގެ ހުނަރު އިންޑިއާއިން އެ ގައުމުގެ ޚާރިޖީ ގުޅުންތަކުގައި މިހާރު ވަރަށް ބޮޑަށް ބޭނުންކުރާކަން މުހައްލިލުން ފާހަގަކުރައްވައެވެ.
ރިޕޯޓްތައްް ބުނާގޮތުން އިންޑިއާ އާންމު ގޮތެއްގައި ހުޅަނގުގެ އެހީތެރިކަން ހޯދައި އެކި ކަންކަމުގައި ހުޅަނގަށް އެއްބާރުލުން ދެނީ މައިގަަނޑު ގޮތެއްގައި ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބޭނުމުގައެވެ.
ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ އެދެވޭ އަސަރު ރަޝިއާއަށް ނުކުރި މައިގަނޑު ސަބަބަކީ ޗައިނާއާއި އިންޑިއާއިން ރަޝިއާއާ އެކު އިގުތިސާދީ ގުޅުންތައް ބަދަހިކޮށް ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޑޮލަރާނުލައި ކޮންމެ ގައުމެއްގެ ވެސް އަމިއްލަ ފައިސާ ބޭނުންކޮށްގެން މި ދެ ގައުމުން ރަޝިއާ އެކު ވިޔަފާރީގެ ގިނަ މުއާމަލާތަކެއް ކުރަން ފެށުމާ އަދި ދެ ގައުމުން ރަޝިއާގެ ތެލާއި ގޭސް ގިނަ އަދަދަކަށް ގަންނަން ފެށުން ވެގެންދިޔައީ އެމެރިކާއާއި ޔޫރަޕްގެ ދަތިކުުރުމުގެ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލަން ރަޝިއާއަށް ލިބުނު އާދަޔާ ޚިލާފު ފުރުސަތަކަށެވެ.
މި މައްސަލައިގައި އެމެރިކާއިންވަނީ ޗައިނާގެ އިތުރުން އިންޑިއާ ދެކެ ވެސް ވަރަށް ބޮޑަށް ނުރުހިފައެވެ.
ނަމަވެސް، ޗައިނާއާ ކުރިމަތިލުމުގައާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގައި އެމެރިކާގެ ބާރާއި ނުފޫޒު ދެމެހެއްޓުމަށް އިންޑިއާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާތީ އިންޑިއާއާ ދެކޮޅަށް ކަމެއް ކުރުމަކީ އަދި އިންޑިއާއާ ދެކޮޅަށް ބަސް ބުނުމަކީ އެމެރިކާއަށް ވެސް މިހާރު ކުރަން ކެރޭ ކަމަކަށް ނުވެއެވެ. އެއީ، އެމެރިކާއަކީ ވެސް ބައިނަލްއަގުވާމީ މުޖުތަމައުގައި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގެ މޫނަށް އަދި ކަނދުރާއަށް ބެލުމެއްނެތި ހަމައެކަނި އެމެރިކާއަށް ފައިދާވާގޮތަށް ކަންކަން ކުރެވޭވަރަށް ވުރެ މިހާރު ބަލިކަށި ގައުމަކަށްވާތީއެވެ.
ސޯވިއެޓް ޔުނިޔަން ރޫޅިގެން ދިއުމާ އެކު ދުނިޔޭގެ ޖިއޮޕޮލިޓިކްސްގައި އެމެރިކާއަށް ލިބުނު އާދަޔާ ޚިލާފު ހައިސިއްޔަތާއި ފުރުސަތާއި ހައިބަތާއި ނުފޫޒުގެ ބޮޑުބައެއް މިހާރުވަނީ ގެއްލިފައެވެ.
މޯދީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ޕޫޓިން ވަނީ މޯދީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި މައްސަލައިގައި އެމެރިކާގެ އިތުރުން ޔުކްރެއިނުން ވެސް ވަނީ އިންޑިއާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މޯދީ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުކްރެއިން ހަނގުރާމަ ހުއްޓާލުމަށް ސީދާ ގޮތެއްގައި އޭނާ ޕޫޓިންއަށް ގޮވާލައްވާފައިނުވުމަކީ އެ ދެ ގައުމު ވަރަށް ކަންބޮޑުވި ކަމެއް ކަމަށް އެމެރިކާގެ މީޑިއާ ބުނެއެވެ.
ރަޝިއާއާއި ޔުކްރެއިނަށް ދޭ ހަމަލާތައް އަދި މިހާތަނަށް ވެސް އިންޑިއާއިން ކުށްވެރިނުކުރުމަކީ އެމެރިކާއާއި ޔުކްރެއިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މޯދީ ވަނީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ އޮސްޓްރިއާއަށް ވަޑައިގެންފައެވެ.
މޮސްކޯއިން ފުރާ ވަޑައިގަތުމުގެ ކުރިން ރަޝިއާގެ ރައީސް ޕޫޓިންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯދީވަނީ ހަނގުރާމައިން ކަންކަން ހާސިލުނުކުރެވޭނެ ކަމާއި ސުލްހައިގެ ތެރެއިން ކަންކަން ހާސިލުކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ޕޫޓިންއާ މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައެވެ.