19 Jun 2012, 15:54
އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރި ކުރުމުގެގޮތުން ނ އަތޮޅުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ހަތަރު ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެޗްއާރްސީއެމްއިން ބުނީ ނ ކެނދިކުޅުދޫގައި ހިންގި އެ މަސައްކަތު ބައްދަލުވުމުގައި އެއަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާއި އެއަތޮޅު ސްކޫލްތަކުގެ ވެރިންނާއި އަދި ސަރުކާރުގެ އިދާރާތްތަކުގެ އިސްވެރިން ބައިވެރިވި ކަމަށެވެ.
އަދި ބުނީ އެބައްދަލުވުމުގައި ސުކޫލްތަކުގެ ކުދިނަށް އަމާޒްކޮށްގެން އިންސާނީ ހައްގުތަކާއި ވާޖިބުތައް ބުނެދިނުމާއި އަންހެނުންނަށް ހާއްސަކޮށްގެން އަންހެނުންގެ ހައްގުތަކާއި ބެހޭ ގޮތުން ފޯރަމްތަކެއް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި އެބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލައެއް ހުށައެޅުމުގެ ފުރުސަތާއި އެމައްސަލަތަކުގައި ބޭނުންވާ ގާނޫނީ ލަފާ ދިނުންވެސް ކުރިއަށްދިޔަ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ. އަދި ބުނީ އެކޮމިޝަނުން 2010 ވަނަ އަހަރު ފަށާފައިވާ ކެމްޕެއިނެއް ކަމަށްވާ "ކޮންމެ އިހުމާލަކީ އަނިޔާއެއް"ގެ ދަށުން ބައެއް ހަރަކާތްތައްވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކަމަށެވެ.
އެކޮމިޝަނުން ބުނީ އެއަތޮޅުގައި ހިންގުނު އެ މަސައްކަތު ބައްދަލުވުމަށް އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނުކަމަށާއި އަދި އިތުރު އަތޮޅުތަކުގައި އެފަދަ އެހެން މަސައްކަތުގެ ބައްދަލުވުންތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.