10 Jul 2024, 08:40
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިކުރުވުމަށް އޮޅުވާލައިގެން ރަޝިއާ ސިފައިންގެ ވަޒީފާއަށް ވެއްދި އިންޑިއާ މީހުން ދޫކޮށްލާނެ ކަމުގެ ޔަގީންކަން ރަޝިއާއިން ދީފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ ކުވަތުރާ ވިދާޅުވެއްޖެއެވެ.
ކުވަތުރާ ވިދާޅުވި ގޮތުގައި އެ މައްސަލައަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ރަޝިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރައްވައި މަޝްވަރާކުރެއްވި މައްސަލައެކެވެ.
އޮޅުވާލައިގެން ރަޝިއާ ސިފައިންގެ ވަޒީފާއަށް ވެއްދި މީހުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް އިންޑިއާއިން އަންނަނީ މީގެކުރިން ވެސް ކުރަމުންނެވެ.
ރަޝިއާ ހަނގުރާމާގައި އުޅެނީ އިންޑިއާގެ ކިތައް މީހުން ކަމެއް ޔަގީންކަމާއެކު ނޭނގޭ ކަމަށް ކުވަތުރާ ވިދާޅުވި ނަމަވެސް 35-50 އާ ދެމެދުގެ އަދަދެއްގެ މީހުން އުޅޭނެ ކަމަށް ލަފާކުރެއްވިއެވެ. އަދި އޭގެތެރެއިން 10 މީހުން މިހާރު އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހުން ރަޝިއާގެ އަސްކަރިއްޔާގެ ތެރެއަށް ވައްދައި ހަނގުރާމައަށް ނެރުނީ، ހަނގުރާމައިގެ މައިދާނަށް ދާން ނުޖެހޭ، ސަޕޯޓިން މަސައްކަތްކުރާ ވަޒީފާއެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ.
އިންޑިއާގެ އިތުރުން ސްރީލަންކާ އާއި ނޭޕާލް މީހުން ވެސް ރަޝިއާއިން ވަނީ އަސްކަރިއްޔާގެ ތެރެއަށް ވައްދައި ހަނގުރާމައަށް ނެރެފައެވެ.