10 Jul 2024, 11:59
ލަންޑަންގައި މިހާރު ކުރިއަށްދާ ސީޒަންގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި މުބާރާތުގެ ސެމީފައިނަލް އިން ފަސް ވަނައަށް ސީޑު ކުރެވިފައިވާ މެޑްވެޑޭވް ޖާގަ ހޯދާފައިވަނީ ކްއާޓާ ފައިނަލްގައި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ބައްދަލުކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި ދެ ކުޅުންތެރިން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބާލާލައިރުވެސް ކުރި ހޯދާފައިވަނީ ސިނާ ކަމުން މި މެޗުގައި ވެސް އެކަން އެހެން ވެގެންދާނެކަމަށް ހީވެގެންދިޔައެވެ.
އަދި މި މެޗުގެ ފުރަތަމަ ސެޓު ޓައިބްރޭކަކަށް ގޮސް ހަތެއް ނުވަޔަކުން ސިނާ ކާމިޔާބު ކުރުމާއެކު އަނެއްކާ ވެސް މެޑްވެޑޭވް ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ.
ނަމަވެސް މެޑްވެޑޭވްވަނީ ދެވަނަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައެވެ. މި މެޗާ ސިނާ ކުރިމަތިލާފައިވަނީ ބަލިވެ އުޅެމުންކަމުން އެކަމުގެ އަސަރުވަނީ ތިންވަނަ ސެޓުގައި އޭނާގެ ކުޅުމުން ފެނިގެން ގޮސްފައެވެ.
އަދި ނަތީޖާއަކަށް ވެގެންދިޔައީ މި ސެޓުގެ ވަކި ހިސާބުން ސިނާ ފަރުވާ ހޯދުމަށް ޓަކައި ކުޑަ ވަގުތު ކޮޅަކަށް މެޗު މެދު ކަނޑާލުމެވެ.
ސިނާ އެނބުރި އައިސް ކުޅުނު ނަމަވެސް އޭނާގެ ފަރާތުން އާންމުކޮށް ފެންނަ ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ތިންވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން މެޑްވެޑޭވް ކާމިޔާބު ކުރުމެވެ.
މި މެޗުގެ ހަތަރުވަނަ ސެޓު ސިނާވަނީ ދެއެއް ހަޔަކުން ކާމިޔާބު ކޮށް މިމެޗު ފަސް ވަނަ ސެޓަކަށް ގެންގޮސްފައެވެ. ނަމަވެސް އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި މެޑްވެޑޭވްގެ މައްޗަށް ކުރި ހޯދި ގޮތަށް މިމެޗުގައި ސިނާއަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.
އޭގެ ބަދަލުގައި ފެނިގެންދިޔައީ މި ސެޓުގައި މެޑްވެޑޭވްގެ މޮޅު ކުޅުމާއެކު ހައެއް ތިނަކުން ސެޓު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމެވެ.
މި މެޗުގެ ސެމީފައިނަލްގައި މެޑްވެޑޭވް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް އާއެވެ.
އަލްކަރާޒް ސެމީފައިނަލް އިން ޖާގަހޯދީ ކްއާޓާ ފައިނަލްގައި ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ޕޯލްއެވެ. ނަމަވެސް އަލްކަރާޒްވަނީ ޖެހިގެން އައި ތިން ސެޓު ހައެއް ހަތަރެއް، ހައެއް ދެއެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ.
މެޑްވެޑޭވް އާއި އަލްކަރާޒް ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި ވެސް ވާދަކޮށްފައެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ އަލްކަރާޒްއެވެ.
ޕޯލްގެ މައްޗަށް ކުރި ހޯދުމަށްފަހު އަލްކަރާޒް ހާމަކުރިގޮތުގައި މެޑްވެޑޭވްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި މިއީ މިދިޔަ އަހަރުގެ ވެސް ސެމީފައިނަލް މެޗު ކަމަށާއި އެހެން ކަމުން މި ފަހަރު ވެސް އެނަތީޖާ ނިކުންނާނެކަމަށް އުންމީދު ކުރާ ކަމަށެވެ.
އަލްކަރާޒް ހާމަކުރި ގޮތުގައި މެޑްވެޑޭވް އެ ވަނީ މިވަގުތު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ސިނާގެ މައްޗަށް ކުރި ހޯދާފައިކަމުން އޭނާ ހުރި ފޯމު އެނގިގެންދާ ކަމަށެވެ.