10 Jul 2024, 07:16
އެކްޓަރުންނަށް ފިލްމެއް ހުށަހަޅާއިރު ދޭން ނިންމާ ފީއަކީ ބޮޑު ބުރައެއްގެ ގޮތުގައި ދެކިގެން ހުށަހަޅާނަމަ އެ ފިލްމެއް ކާމިޔާބުވުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެކްޓަރު ރިތޭޝް ދޭޝްމުކް ބުނެފިއެވެ.
އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރިތޭޝް ބުނެފައިވަނީ ބައެއް ފިލްމީތަރިންގެ އަގުތައް މައްޗަށްދާ މިންވަރު ފެނި އެކަމާ ކަންބޮޑުވާ ކަމަށެވެ.
އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގާ ރިތޭޝް ބުނެފައިވާ ގޮތުން އަމިއްލަ ފިލްމު ކުންފުނިން މިހާތަނަށް އުފެއްދި އެއްވެސް ފިލްމަކަށް ފީއެއް ނުނަގައެވެ. ރިތޭޝް ދެކޭގޮތުގައި އެއްވެސް ފިލްމެއްގެ ލީޑް ރޯލު ކުޅޭ އެކްޓަރަށް މާ ބޮޑު ފީއެއް ހުށަހެޅުމަކީ ބުއްދިވެރި ނިންމުމެއް ނޫނެވެ.
ސަބަބަކީ އެ ފިލްމެއް ބޮކްސް އޮފީހުގައި ހިނގައިފިނިމަ މުޅި ކްރޫއަށް އޭގެ ފައިދާ ކުރާނެތީ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެކްޓަރުންނަށް ބޮޑު ފީ ހުށަހެޅުމުގެ ބަދަލުގައި އެ ފައިސާ ފިލްމުގެ އުފެއްދުންތެރިކަން ރަނގަޅުކުރަން ޚަރަދުކުރުމަކީ މުޅި ފިލްމުގެ ކްރޫއަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް ރިތޭޝް ވަނީ ބުނެފައެވެ.

ރިތޭޝް އަންހެނުން އަދި ބަތަލާ ޖެނީލިއާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ލީޑް ރޯލް ކުޅޭ އެކްޓަރަށް ބޮޑު ފީއެއް ހުށަހެޅުމަށް ފަހު ފިލްމު ނާކާމިޔާބުވެއްޖެނަމަ މުޅި ފިލްމު ކުންފުންޏަށް ފޫ ނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި ނަމަވެސް އެކްޓަރަށް އެކަމުން މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ތަޖުރިބާކާރު ފިލްމީ ތަރި ވަނީ ބުނެފައެވެ.
ރިތޭޝް އަންނަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ސީރީޒް ޕްރިމިއާކުރުމުގެ އެންމެ ފަހު މަސައްކަތްތަކަށް ތައްޔާރުވަމުންނެވެ. ޖިއޯ ސިނަމާއިން މި މަހުގެ 12ވަނަ ދުވަހު ޕްރިމިއާކުރާ "ޕިލް" ވެބް ސީރީޒަކީ މަޝްހޫރު ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ ސީރީޒެކެވެ.