10 Jul 2024, 16:35
ޒައިނާ އިރުކޮޅަކު އިޝްފާންއަށް ބަލަހައްޓައިގެން ހުރެފައި ދެން ހާމަކޮށްލި ވާހަކައަކުން އިޝްފާން ހުއްޓުން އަރާގޮތްވިއެވެ.
"ކިހިނެތްވީ؟" ވަރަށް ހަމަޖެހިފައި ހުރި ފަދަގޮތަކަށް ޒައިނާ ސުވާލުކޮށްލިއެވެ.
"ތިބުނި އެއްޗަކުން…" އިޝްފާންއަށް ބުނެވުނެވެ.
"އެހާ ހާސްވާން ޖެހޭ އެއްޗެއްތަ މި ބުނެވުނީ. އިޝްފާން ނުބުނަންތަ އަހަރެމެން ޖެހޭނެޔޭ އަމިއްލަ ނަފްސަށްޓަކާވެސް ތެދުވަން. އަނިޔާ ތަޙައްމަލް ކޮށްކޮށް ތިބޭކަށް ނުޖެހޭނެޔޭ. އިޝްފާންގެ ވާހަކަތަކުން އަހަންނަށް ދޭހަވީ މިގޮތަށް." މާޒީގެ ހަނދާނެއް އާކުރަމުން ޒައިނާ ބުނެލިއެވެ.
"އެކަމަކު. އަހަރެން…" އިޝްފާން މަޑުޖެހުނެވެ.
"ވަރިއަށް އެދޭނެ ހިތްވަރު އަހަރެންގެ ނުހުންނާނެޔޭ ހީވީ ދޯ. އިންސާނަކަށް ކެތްކުރެވޭނީ ވަކި ވަރަކަށްނު. ތެދަށް ބުނަންޏާ އިޝްފާން އަހަންނާ ދިމާލަށް އެފަދަ ގޮތަކަށް ވާހަކަތައް ނުދެއްކި ނަމަ ފަހަރުގައި އަހަރެންނަށް މިހިތްވަރު ނުލިބިދާނެ. އެންމެ ފުރަތަމަ ނިހާދު ގައިގަ ޖެހި ދުވަސް ހަނދާންއެބަހުރިތަ؟ އޭގެ ފަހުން އަހަންނާ ދިމާވެ ދެއްކި ވާހަކަތައް... މި ފިޔަވަޅު ނަގަން އަހަންނަށް ހިތްވަރު ލިބުނި ސަބަބަކީ އެއީ. އެހެންވީމަ އަހަރެން ޝުކުރު އަދާމިކުރީ. " ޒައިނާ ހިނިތުންވެލިއެވެ.
"ކީއްވެ ދެން އަހަރެން ކައިރީގައި ތި ވާހަކަ ތިބުނީ؟ އަހަރެންމީ ހަޤީގަތުގައި ޒައިނާއަށް ދުރުހިލޭ މީހެއްނު." އިޝްފާންއަށް ބުނެވުނެވެ. ހަޤީގަތުގައި އޭނާގެ ހިތުގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ޒައިނާގެ އެ ވާހަކަތަކުން ހިތް އުފާވި ނަމަވެސް، ޒައިނާ ބިކަވެ އެކަނިވެދާނެތީ އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް ވެއެވެ.
އިޝްފާންގެ އެ ސުވާލާއެކު ޒައިނާ ހުއްޓުން އެރިއެވެ. ހަޤީގަތުގައި އެވާހަކަތައް އިޝްފާންއަށް އެނގުން މުހިންމު ކަމުގައި އޭނާ ހިތް ބުނަމުން ދިޔައީ ކީއްވެހެއްޔެވެ؟ އިޝްފާން އޭނާއަށް މުހިންމުވާ އިޙްސާސްކުރެވެނީ ކީއްވެހެއްޔެވެ؟ އިޝްފާންއާ މެދު ވިސްނެނީ ކީއްވެހެއްޔެވެ؟ މި އިން ދުވަހަކު ނުލިބުނު ހިތްވަރެއް އިޝްފާންގެ ސަބަބުން ލިބުނީ ކީއްވެހެއްޔެވެ؟ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކުގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރެވުނެވެ. އިސްޖަހާލެވުނީ ލަދުވެތިކަން އިޙްސާސްކުރެވުމުންނެވެ. ހިތުގެ އެދުންތަކަށް އިޖާބަ ދިނުމުގެ ސަބަބުން މިއަދު އޭނަ ލަދުވެތިކަމެއްގައި ބެދިއްޖެކަމުގެ އިޙްސާސް ޒައިނާއަށް ކުރެވުނެވެ. އިސްޖެހުނު ގޮތަށް އޭނާއަށް ހުރެވުނީ އެހެންވެގެންނެވެ. އިތުރު އެއްޗެއް ބުނުމުގެ ހިތްވަރު އޭނާގެ ނެތީއެވެ. ހިތަށް ތަދުވެއްޖެއެވެ. ވަރަށް ތަދުވެއްޖެއެވެ. އިޝްފާންއަށް ނުފެންނަ ހިސާބަށް ގޮސް ފިލަންވެސް ބޭނުންވިއެވެ. އެހެންނަމަވެސް، އޭނާގެ ފައި ހީވަނީ ބިންމަތީގައި ހަރުލާފައިވާހެންނެވެ. ފަސްއެނބުރުމަށް ނުކުޅެދިފައި ޒައިނާ ހުއްޓާ އިޝްފާން އޭނާއަށް ގޮވާލިއެވެ.
"ޒައިނާ…" އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ޒައިނާއާ މެދު ކަންބޮޑުވެފައިވާހެން ހީވެއެވެ. އެހެންނަމަވެސް، އިތުރަށް އޭނާއަށް ޒައިނާއަށް ކޮށްދެވޭނެ ކަމެއް ނެތޭވެސް އެ އަޑުގައިވި އަސަރުތައް ބުނާ ކަހަލައެވެ.
"ހޫމް…" އިސްޖަހާލައިގެން ހުރެ ޒައިނާ ބުންޏެވެ.
"ޒައިނާ…" އިޝްފާން އަނެއްކާވެސް ގޮވާލިއެވެ. ހީވާކަހަލައެވެ. އޭނާ ޒައިނާއާ ހަތަރުކަޅި ހަމަކުރަން ބޭނުންވަނީއެވެ.
ހިތްވަރުކޮށްފައި ޒައިނާ އިޝްފާންއަށް ބަލާލިއެވެ. އެ ދެލޮލުގައިވި މާޔޫސްކަން އިޝްފާންއަށް ވެސް ސިއްރެއް ނުވިއެވެ. އޭނާގެ ހިތަށް އެ ނަޒަރު އަސަރުކުރިއެވެ. ޒައިނާއަށް އޭނާގެ ފަރާތުން ވޭނެއް ލިބިއްޖެކަމުގެ އިޙްސާސްއާއެކު އިޝްފާންގެ ހިތުގައިވެސް ރިއްސާލިއެވެ. އަމިއްލަ ހިތުގެ ޙާލު ސިއްރުކުރަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިނަަމަވެސް، ބުނަން އުޅުނު ވާހަކަ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ޒައިނާގެ ހިތުގައި އޭނާއާ މެދު ކޮންމެވެސް ކަހަލަ އިޙްސާސްތަކެއް ވާކަން އިޝްފާންއަށް ޔަޤީންކުރެވުނު ނަމަވެސް، އެފަދަ އުންމީދެއް އޭނާ ޒައިނާއަށް ދޭނީ ކިހިނަކުން ހެއްޔެވެ؟ ނަފުސުގެ އެތެރޭގެ ތޫފާނުގެ ސަބަބުން އިޝްފާންއަށް ކިތަންމެ ތަކުލީފެއް ލިބެމުން ދިޔަނަމަވެސް، އަމިއްލަ ހިތުގެ ޙާލު ސިއްރުކުރުމަށް އޭނާއަށް މަޖުބޫރެވެ.
އިޝްފާން އެއްޗެއް ނުބުނުމުން ޒައިނާ ދާންވެގެން ފަސް އެނބުރުނެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވީ ކީއްވެގެންކަމެއް ނޭނގުނެވެ. އިޝްފާންގެ އެ އަމަލުން އޭނާގެ ހިތަށް އެހާ ތަދުވާންވީ ކީއްވެހެއްޔެވެ؟
"ވަރިވިޔަސް، އަހަރެންގެ ފަރާތުން އިތުރު އެއްވެސް ކަމަކަށް އުންމީދު ނުކުރާތި ޒައިނާ…" އިޝްފާން ހިތުގައި އަތް އަޅާލަފައި އެހެން ބުނެލީ ޒައިނާގެ ފަރާތުން އޭނާއަށް ފެނުނު އަސަރުތަކުންނެވެ. ފަހަރެއްގައިވެސް ޒައިނާގެ ހިތުގައި އޭނާއާ މެދު އިޙްސާސްތަކެއް އުފެދެން އިޝްފާން ބޭނުމެއް ނޫނެވެ. އެކަން އެހެން ވެއްޖެނަމަ އޭނާއަށް ޒައިނާއަށް ދެވޭނީ އިތުރު ތަކުލީފެކެވެ. މިހާރުން ފަށައިގެން އެކަމާ މެދު ވިސްނުމަކީ މުހިންމުކަމެކެވެ. ދެންމެ ބުނި ޖުމްލަތައް ހިތާ ދެކޮޅަށް ބުނުމަށް މަޖުބޫރުވި ސަބަބަކީވެސް އެއީއެވެ.
އިޝްފާންގެ އެ ޖުމްލައާއެކު ޒައިނާގެ ފިޔަވަޅުތައް މަޑުޖެހުނު ނަމަވެސް، ފަސް އެނބުރި ބަލާލާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އިރުކޮޅަކު އެހެން ހުރެފައި ބާރު ބާރަށް ހިނގާލާފައި ގޮސް ޒައިނާ ގެއަށް ވަނެވެ. ކޮޓަރިއަށް ވަދެފައި، ދޮރުގައި ލެނގިލެވުނުއިރު، އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ. އިޝްފާންގެ ސަބަބުން އެހާ ހިތްދަތިކަމެއް އޭނާއަށް އެ ލިބެނީ ކީއްވެގެންހެއްޔެވެ؟ ދަތި ވަގުތުގައި އިޝްފާންގެ ސަބަބުން ހިތްވަރު ލިބުނީމަހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ހިތުން އިޝްފާންއާ މެދު ނޭނގި ނަމަވެސް، އުންމީދުތަކެއް ކުރެވެނީއެވެ. ހިތުގެ ކޮންމެވެސް ހިސާބަކުން، ކޮންމެވެސް ކަހަލަ ކަމަކަށް އެދެނީއެވެ. އިޝްފާންއާ މެދު ވިސްނެނީ އެހެންވެގެންނެވެ. މީގެ ކުރިންވެސް ހަރުކަށިކޮށް އިޝްފާން އޭނާއާ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް، މިއަދު އެ ކުރި ފަދަ އަސަރެއް އޭނާއަކަށް ނުކުރެއެވެ.
ހިތުގެ ތެޅުން އަވަސްވަމުން ދިޔުމުގެ ސަބަބުން މެއާ ދިމާލުގައި ޒައިނާއަށް އަތް ޖައްސާލެވުނެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިއަދު ވާނީ ވަރީގެ ފޯމު ކޯޓަށް ހުށައަޅާފައެވެ. ވަރިވުމަށްފަހު ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ ޖަޒުބާތުގައި ޖެހިގެން ގޮސް އޭނާއަށް އެ އެޅުނީ އަނެއްކާ ކަތި ފިޔަވަޅެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ އޭނާގެ މުސްތަޤްބަލަށް ވިސްނާފައި އެޅި ފިޔަވަޅެކެވެ. މި ދިރިއުޅުމުގައި އުޅެނިކޮށް ދަރިއަކު ލިބިއްޖެނަމަ ނިހާދުގެ އަނިޔާއާ އެ ދަރިފުޅު ކުރިމަތިލާން ނުޖެހޭނެހެއްޔެވެ؟ މިއީ އޭނާގެ މުސްތަޤްބަލާއި އޭނާއަށް ލިބޭނެ ދަރިއެއްގެ މުސްތަޤްބަލަށްވެސް ވިސްނާފައި އެޅި ފިޔަވަޅެކެވެ.
ވިސްނުންތަކުން ފުނިޖެހި ސިކުނޑީގެ ނާރުތަކަށް ވާންވާން ފެށުމުން ޒައިނާ ގޮސް އެނދުގައި އިށީނެވެ. ހަށިގަނޑުގައިވި އުދާސްކަން ފިލުވައިލުމަށް ފުންކޮށް ނޭވާލާން އޭނާ ފެށިއެވެ. ނިހާދަށް ނޭނގި ވަރީގެ ފޯމު ހުށައެޅިނަމަވެސް، ލަސްތަކެއް ނުވެ އެކަން އެނގިދާނެއެވެ. ވަރިވާން ފޯމުލީނަމަވެސް، ވަރިނުކުރާނެކަމަށް ނިހާދު އޮތީ އޭނާއާ ދިމާލަށް ބުނެފައެވެ. އެހެންވެއްޖެނަމަ ނިހާދާއެކު އޭނާއަށް އަނެއްކާވެސް ދުވަސްގަނޑަކު ކެތްކުރަން މަޖުބޫރުވާނެއެވެ. އަދި ލިބޭ އަނިޔާ ދެގުނަވެގެންދާނެއެވެ. ކޯޓުގައި، ނިހާދު، އޭނާއަށް އަނިޔާކުރާކަމުގައި ބުނެފިނަމަ ފުރަތަމަ ފަހަރު ކޯޓުން އޭނާ ވަރިކޮށްދީފާނެހެއްޔެވެ؟ އިތުރަށް ނިހާދު ފަދަ އަނިޔާވެރިއަކާއެކު ކެތްނުކުރެވޭނެކަމުގައި ބުނެފިނަމަ، އެ ގުޅުމަށް ނިމުން ގެނެވިދާނެހެއްޔެވެ؟ ހުރިހާ ޚިޔާލުތަކަކުން ޒައިނާގެ ސިކުނޑިއަށް ބާރުބޮޑުވަމުން ދިޔައެވެ.
މަޣްރިބް ނަމާދަށް ގޮވުމުން ނަމާދު ކޮށްލައިގެން ޤުރުއާން ކިޔަވާލަން އިންދާ ނިހާދު އައިސް ކޮޓަރިއަށް ވަނެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ނުބުނެ އޭނާ ގޮސް ފާޚާނާއަށް ވަނުމުން އެ ދިމާލަށް ބަލާލާފައިވެސް ޒައިނާ ޤުރުއާން ކިޔަވަން ފެށިއެވެ. ފެންވަރާލައިގެން ނުކުމެ ރީތިވެގެން ނިހާދު ބޭރަށް ދާން ނުކުތުމުން މުސްޙަފް ބާއްވާފައި ޒައިނާ ވެސް ނިހާދުގެ ފަހަތުން ކޮޓަރިން ނުކުމެލިއެވެ.
"ޒީނަތާ އެކީ ކޮންތާކަށް ތި ދަނީ؟" އެފަދަ ގޮތަކަށް ޒައިނާ ސުވާލުކޮށްލުމާއެކު ނިހާދުގެ ދެބުމަ ގޮށްޖެހުނެވެ. ޒައިނާގެ އަޑުގައި ވި ސާބިތުކަމުން ނިހާދަށްވެސް ލިބުނީ ހައިރާންކަމެކެވެ.
"ކިހިނެއްވީ؟ އަނިޔާކުރަންވީތަ؟ ހަތަރެއްވެސް ހުއްދަކަމުގައި ނހާދު އެބަ ބުނަމެއްނު. ދެން އިނދެގެން ތިކުރާ ކަމެއް ކުރަން ވީނު. ކުރެވޭ ފާފައިގެ ބޮޑުކަންވެސް ނޭނގެނީތަ؟" ޒައިނާ ބުންޏެވެ.
"މަ އުޅެންވީ ގޮތް އެނގޭނީ މަށަށް. ކަލޭއަށް ޖެހޭނީ ތިހެން ކިޔާލަ ކިޔާލާ ހުންނަން. އަހަންނާ ޒުވާބުކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެ. އަހަރެން ކަލޭ ވަރިކުރާނެކަމަށްތަ ތިއުޅެނީ. ވަރިއެއް ނުކުރާނަން. އެކަމަކު ކަލޭއަށް ޖެހޭނީ މި އަނިޔާއަށް ކެތްކޮށްގެން ރޮއިރޮއި ހުންނަން. އެއީ އަހަންނާ ޖަދަލުކުރުމުގެ ނަތީޖާ…" ނިހާދު ބުނެލިއެވެ. ރުޅި އައިނަމަވެސް، ޒައިނާއަށް އަތް އިސްކުރާ ޚިޔާލު ނިހާދު ދޫކޮށްލީ ކީއްވެެގެންކަމެއް ނޭނގެއެވެ. އޭގެ އިރުކޮޅެއްފަހުން ނިހާދުގެ ފޯނު ރިންގްވިއެވެ.
"ބޭބީ… އައީތަ؟" ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ޒައިނާއަށް ބަލާލާފައި ނިހާދު ބުނެލިއެވެ.
"ބޭރުގަތަ. އާ މި ހުޅުވަނީ…" ނިހާދު ގޮސް ދޮރު ހުޅުވާލުމާއެކު، އެތެރެއަށް ވަނީ ޒީނަތެވެ. އޭނާ ޒައިނާއަށް ބަލާލާދައި ނިހާދާ ގާތް ވެލިއެވެ. ނިހާދުވެސް ޒައިނާއަށް ބަލައިލާފައި ޒީނަތުގެ އުނަގަނޑުގައި އަތް އަޅުވާލާ ގާތްކޮށްލިއެވެ. ޒައިނާ އެ މަންޒަރު ބަލަން ހުއްޓާ ނިހާދު ގޮސް ވަނީ އަނެއް ކޮޓަރިއަށެވެ. ރުޅިއައި ނަމަވެސް، އެއަށްވުރެ ބޮޑަށް ޒައިނާ ދެރަވިއެވެ. ނިހާދު އެގޮތަށް އެ ކަންތައް ކުރަނީ އޭނާގެ ކޮން އުނިކަމެއްގެ ސަބަބުން ހެއްޔެވެ؟ ނިހާދު ބުނިހާ ގޮތަކަށް ބުނިހާ ކަމެއް ކޮށްދޭއިރުވެސް، ނިހާދުގެ ލޯބި އޭނާއަށް ނުލިބުނީ ކީއްވެގެންހެއްޔެވެ؟ ޝަކުވާތަކުން ހިތް ބަނދެވުނު ޒައިނާ ގެއިން ނުކުމެގެން ގޮސް އިނީ ޖޯލީގައެވެ. ނިހާދާ ޒީނަތުގެ ހުނުމުގެ އަޑުން އޭނާއަށް އުނދަގޫވަމުން ދިޔައީތީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ހިލޭ އަންހެނަކާ އެކު ފިރިމީހާ އުޅޭތަން ބަލަން ކެތް ކުރެވޭނީވެސް ކާކަށް ހެއްޔެވެ؟
އެރޭ ޒައިނާ ގެއަށް ވަނީ ޒީނަތު އެގެއިން ދިޔުމުންނެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭނާ ގޮސް ފެންވަރާލައިގެން ނުކުމެ އެނދުގައި ޖައްސާލުމާއެކު ލޯ މަރާލިއެވެ. ނިދި ނައި ނަމަވެސް، ނިހާދާ ކުރިމަތިލާން ބޭނުން ނުވާތީ ނިދާފައި ކަމަށް ހަދައިގެން އޮތީއެވެ. ހިތް ރޮމުން ދިޔަ ނަމަވެސް ކެތްކުރާ ޙާލުގައެވެ.
ޖެހިގެން އައި ދުވަހު ނިހާދު ތެދުވެގެން ކޮފީއެއް ހަދަން އުޅެނިކޮށް މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. އޭނާ ނުކުތް އިރު ހުރީ ކޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އެ މީހާ ފެނުމާއެކު ނިހާދަށް ކުޑަ ހައިރާންކަމެއް ލިބުނެވެ.
"ކިހިނެތްވީ؟" ނިހާދު އެހެން ބުނެލި ވަގުތަކީ ޒައިނާވެސް ކޮޓަރިން ނުކުތް ވަގުތެވެ. އޭނާ ވެސް އެދިމާލަށް ގޮސް މަޑުކޮށްލިއެވެ. ޒައިނާއަށް ބަލާލާފައި ނިހާދު އެ ސިޓީ އުރައިގައި ހިފިއެވެ. ކޯޓުން އައި މީހާ ދިން ފޮތުގައި ސޮއިކޮށްލުމުން އެމީހާ ދިޔުމާއެކު، ނިހާދު އެ ސިޓީއުރައަށް ބަލާލާފައި ޒައިނާއަށް އަވަސް ނަޒަރެއް ދިނެވެ.
(ނުނިމޭ)