ސޯޝަލް ހެލެތް އިންޝުއަރެންސް ސްކީމް، އާސަންދައިގެ ހިދުމަތް ދިނުމަށް އަމިއްލަ 77 ފަރާތެއް އެދިފައިވާ ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.

އާސަންދަ ކުންފުނީގެ ބެލެނިވެރިޔާ، އެންސްޕާގެ އިސް އޮފިޝަލަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ޕްރައިވެޓް ފަރާތްތަކަށް އާސަންދަ ފުޅާ ކުރަން ހުޅުވާލި ފުރުސަތުގައި 26 ކްލިނިކަކާއި އެއް ހޮސްޕިޓަލަކުން ހިދުމަތުގައި ބައިވެރިވާން އެދިފައިވާ ކަމަށާއި ޖުމްލަ 77 ފަރާތަކުން އާސަންދަ ހިދުމަތް ދިނުމަށް އެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ދިނުމަށް އެދިފައިވާ ކުންފުނިތަކާއެކު މާދަމާގެ ވަގުތެއްގައި މަޝްވަރާތަކަށް ދާނެ ކަމަށެވެ.
~
"އަޅުގަނޑުމެންނަށް މާދަމާ އެބޭފުޅުންނާ އެއްކޮށް އިށީނދެ މަޝްވަރާކުރަން ފެށޭނެ. އަޅުގަނޑަށް ހީވަނީ މާ ގިނަ ދުވަހެއް ނުވާނެހެން، އަޅުގަނޑުމެން ވަގުތު މިނެގީ ޕްރައިވެޓް ސެކްޓަރުގައި ގިނަ ފަރާތްތަކެއް ތިބީމަ އެބޭފުޅުންނަށް ފުރުސަތު ދޭން،" އޭނާ ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ޕްރައިވެޓް ދެ ކުލިނިކަކުންނެވެ. ނަމަވެސް އެހެން ކްލިނިކްތަކުގެ ޝަކުވާތަކާ ހުރެ އެ އާސަންދައިގެ ހިދުމަތް ވަނީ ކްލިނިކްތަކުން މެދުކަނޑާލައިފަ އެވެ. އަލުން އެ ހިދުމަތް ކުލިނިކްތަކުން ދޭންނިންމީ މިދިޔަ މަހުގެ ތެރޭގައި ކެބިނެޓުންނެވެ.

އޮފިޝަލް ވިދާޅުވީ ކުލިނިކްތަކަށް އާސަންދައިގެ ހިދުމަތް ދޭނީ އެ ކުންފުނިން ކަޑައަޅައި އަގުތަކަކަށް އެއްބަސްވެގެން ކަމަށް ވުމުން މިހާރު އާސަންދައަށް ކަޑައަޅައިފައިވާ ބަޖެޓުން އެ ހިދުމަތް ދެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ބުނެވޭނީ މި ބަޖެޓުން މައްސަލައެއް ދިމައެއް ނުވާނެހެން، ވަކި އަގުތަކެއްގައި މި ހިދުމަތް ދޭން، އެއީ މީތި އެބިއުސް ކުރަންވެސް މިކަމުގެ ސަބަބުން ޗާންސް ކުޑަވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އާސަންދަ ސްކީމުން 100،000ރ. ބޭސްފަރުވާ ކޮންމެ އަހަރަކު ހިލޭ ކުރެވޭއިރު މީގެ ކުރިން މާލިއްޔަތު ކޮމެޓީންވެސް ލަފާކޮށްފައިވަނީ އާސަންދައަށް ކަޑައަޅާފައިވާ 720 މިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޯބަރު މަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން އާސަންދަ ހިންގުމަށް އިތުރަށް 179 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. މިހާރު އޮތް ބަޖެޓަށް އާސަންދަ ފެއްތުމަށް މާލިއްޔަތު ކޮމެޓީން އެ ސްކީމަށް ވަނީ ބައެއް ހިފެހެއްޓުންތައް ލުމަށް މަސައްކަތްކުރިނަމަވެސް މަޖިލީހުން ވަނީ އެ އިސްލާހުތައް ފޭލްކޮށްލައިފަ އެވެ.