ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ރާއްޖެއަށް އައި ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް އޮޅުވާލުމުން، ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ހަތަރު ބިދޭސީއަކު މިދިޔަ ބުދަ ދުވަހު ހުއްޓުވާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ އެ ހަތަރު ބިދޭސީން ފޮޓޮއާއި އުމުރު ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 28 އަހަރާއި، 31 އަހަރާއި، 25 އަހަރު އަދި 22 އަހަރުގެ ބިދޭސީއެކެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ، ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ގޮތަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.

ފުލުހުންގެ ޚިދުމަތާ ގުޅިގެން އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ވެސް ފަށައިފައެވެ.

މި އޮޮޕަރޭޝަންގައި ފުލުހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ނުގަވައިދުން އުޅޭ ބިދޭސީން ދެނެގަނެ، އިމިގްރޭޝަނާ ހަވާލުކުރަމުންނެވެ.

މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އަދި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.