މެންދުރުފަހުގެ ދަންފަޅި ކުރިއަށްގެންދެވޭ ވަރަށް ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމްލަ ހަ ފަހަރު ކޯރަމް ގެއްލިފައިވާ އިރު މެންދުރުގެ ދަންފަޅީގައި 12:30ގެ ހުސްވަގުތުކޮޅަށް ފަހު 1:00ގައި ޖަލްސާ ފަށަން ބޭނުންވާވަރަށް ކޯރަމް ހަމަ ނުވެގެން 1:30 އަށް ޖަލްސާ ފަސްކުރަން ޖެހުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލިރު ކުރިއަށްގެންދިޔައީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ. މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހް ހުށަހެޅުމުގެ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދެވި އެވެ. އަދި ގައުމުގެ ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ރައްޔިތުންނަށް އަނިޔާކުރަމުންދާތީ އާއި އެ މުއައްސަސާގެ ބައެއް ފަރާތްތަކުން ފޭރެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފަހު އެ މައްސަލައިގެ ބަހުސްވެސް ވަނީ މިއަދު ކުރިއަށް ގެންދަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ހެނދުނު 9:00ގަ އެވެ.