09 Jul 2024, 15:10
ގަލޮޅު ކަންމަތިން ބާރުގަދަ އަޑުފައްގަނޑެއް އިވި، އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބުމުން ބެލި ބެލުމުން، އެއީ ގޮވުމެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަޑުފައްގަނޑު އިވުނީ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތްކަން ވެސް ކަށަވަރު ވާތީ އެ ސަރަހައްދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ ޚިދުމަތުން މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ވެސް ވަނީ، އެ ހާދިސާއަކީ ނުރައްކާތެރި ގޮވުމެއް ނުވަތަ ގޮވުމެއްގެ އަޑެއް ނޫންކަން އެ ޚިދުމަތަށް އެމްއެންޑީއެފުން ޔަގީންކޮށްދީފައިވާ ކަމަށް ބުނެފައެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯއިން ސިފައިންނާއި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި، އެ ވީޑިއޯއިން ސިފައިން ބަޑި ހިފައިގެން މަގުމަތީގައި ތިބޭ މަންޒަރު ފެނެއެވެ.

ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވުން: މިހާތަނަށް ބެލިބެލުމުން ނުރައްކާތެރި ގޮވުމެއް ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެކުރިން އެމްއެންޑީއެފުން ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވެފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ސިފައިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި އާންމުކޮށް އެއްޗެއް ގޮވައިގެން ރިޕޯޓުކުރަނީ ގޭސްފުޅިއެއް ގޮވުމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު 21ގައި ހދ. މަކުނުދޫގައި އެއްޗެއް ގޮވައި، ދެ މީހަކު މަރުވެފައިވެއެވެ.