09 Jul 2024, 13:40
ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި މިއަދު އެއްޗެއް ގޮވައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން 'ސަން'އަށް ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްވެސް ކަހަލަ އަލިފާނެއް ނެތް ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ސިފައިން ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ސިފައިންނާއި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ސިފައިން ބަޑި ހިފައިގެން މަގުމަތީގައި ތިބޭ މަންޒަރު ފެނެއެވެ.
ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވުން: އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި އާންމުކޮށް އެއްޗެއް ގޮވައިގެން ރިޕޯޓުކުރަނީ ގޭސްފުޅިއެއް ގޮވުމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 21ގައި ހދ. މަކުނުދޫގައި އެއްޗެއް ގޮވައި، ދެ މީހަކު މަރުވެފައިވެއެވެ.