19 Jun 2012, 14:56
ފިޝަރީޒް މިނިސްޓްރީގެ ހިޔާނާތުގެ މައްސަލަތަކެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކަރެޓަރީ ޑރ. އަބްދުﷲ ނަސީރު މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އޮޅުންފިލުވަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ނަސީރު މާލިއްޔަތު ކޮމެޓިއަށް ހާޒިރު ކުރާނީ މިރޭ 8:30 ގަ އެވެ.
ފިޝަރީޒްގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ ގާނޫނާ ގަވާއިދާ ހިލާފަށް ކޮންމެ އަހަރަކު ފިޝަރީޒް މިނިސްޓްރީގައި އެތައް ކަމެއް ހިނގަމުންދާއިރު، ޕާމަނަންޓް ސެކަރެޓަރީއަށް އެކަންތައްތައް ނުހުއްޓުވޭ ކަމަށެވެ. އަދި މިނިސްޓްރީއަށް އައްޔަން ކުރާ ވަޒީރުން އިރުއިރުކޮޅާ ބަދަލުވި ނަމަވެސް ގާނޫނާ ހިލާފަށް ވަޒީރުން ކުރައްވާ އަމުރުތަކަށް ސިވިލްސާވަންޓުން ކިޔަމަންވެގެންނުވާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ފިޝަރީމް މިނިސްޓްރީގައި ހުރީ ހުސް ހިޔާނާތުގެ މައްސަލަތަކެއް ކަމަށެވެ. އަދި ވިދާޅުވި އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރަކު ހުރެގެންވިޔަސް، ހިންގި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެކަންތައްތައް ކޮންމެ އަހަރަކު ތަކުރާރުވަމުންދާނަމަ ޕާމަނަންޓް ސެކްރެޓަރީ ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މަސްވެރިންނަށް ސަބްސިޑީ ދޫކުރާ އިރު އެ ދޯންޏަކީ މަހަށް ފުރާ ދޯންޏެއްކަން ސާފުނުކޮށް ފައިސާ ދޫކުރުމުން، ދަތުރު ދިޔުމަށް ބޭނުން ކުރާ ދޯންޏަކާއި އަދި ވެލި ނެގުމަށް ބޭނުންކުރާ ދޯންޏަކަށް އެ މިނިސްޓްރީން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަހަށް ނުފުރާތާ އަހަރަކާއި ގާތްވެފައިވާ ދޯންޏަކަށް ވެސް ސަބްސިޑީގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެ ތިން ދޯންޏަށް ސަބްސިޑީގެ ގޮތުގައި ޖުމްލަ 243،302ރ. ދޫކޮށްފައިވާ ކަމަށް އޮޑިޓް ހިސާބުތަކުން ދައްކަ އެވެ.
އޭގެތެރެއިން ދެ ދޯންޏަކަށް ދިން ސަބްސިޑީޒްގެ ފައިސާ އަމިއްލަ މީހަކު އޮޕަރޭޓްކުރާ އިންޖީނު ގެއަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވީ ނަމަވެސް މިނިސްޓްރީން އެކަމަށް އަޅާނުލައި އެ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ތެލުގެ ސަބްސިޑީ ދިނުމަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން 549،764ރ. މިނިސްޓްރީގެ އަމިއްލަ ހަރަދުތައް ކުރުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގިނަ ރަށްތަކެއް މުއްދަތެއް ނެތް ގޮތުގައި ދޫކޮށްފައިވާ އިރު ދަނޑުވެރިކަން ކުރުން ފަދަ އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި އެތައް ރަށަކުން ދައުލަތަށް ލިބެން ޖެހޭ 54.1 މިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުން އެ މިނިސްޓްރީގެ ތިޖޫރީގައި ހުންނަ ފައިސާ ރަނގަޅަށް ބެލެހެއްޓަމަކުން ނުދެ އެވެ. އަދި ތިޖޫރީގައި ބޮޑެތި އަދަދުތަކުން ފައިސާތައް ގެންގުޅޭ އިރު ތިޖޫރީގެ ފައިސާގެ ރިޕޯޓް ބަލަހައްޓާފައެއް ނުވެ އެވެ. އެގޮތުން ތިޖޫރި އޮޑިޓް ކުރި އިރު ވީނުވީއެއް ނޭނގި 2000 ވަރަކަށް ރުފިޔާ ވަނީ ގެއްލިފަ އެވެ. އަދި ފައިސާ ހޯދަން ޖެހޭ ޗެކްތައް ވެސް ތިޖޫރީގައި ހުރެ އޭގެ މުއްދަތު ހަމަވެފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.