19 Jun 2012, 14:48
ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކޯޓުން ހަމީދު ދޫކޮށްލީ އޭނާއަށް ކުރިން ކޯޓުން ޖަހައިދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ބަންދާބެހޭ ޝަރީއަތް ހިންގުމަށް ފަހު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ކޯޓުން ހަމީދު ދޫކޮށްލި ނަމަވެސް ފުލުހުން ކުރާ ތަހުގީގު ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
"ކޯޓުން ހަމީދު ދޫކޮށްލިއަސް ފުލުހުން ކުރާ ތަހުގީގު އަދިވެސް ކުރިއަށް ދާނެ،" ހަނީފް ވިދާޅުވި އެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމީދު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެއްވެސް ފުލުހަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭނެ ނަމަ އެމީހެއްގެ ވަޒީފާ ސަސްޕެންޑު ކުރެވޭ ކަމަށާއި، ހަމީދު ހައްޔަރު ކޮށްފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކަމުން އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކުރިކަން މިހާރު ލިޔުމުން އޭނާ އަށް އަންގާފައިވާނެ ކަމަށެވެ.
ހަމީދު ހައްޔަރުކޮށްފައި ވަނީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރިވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ އިރު ފުލުހުން ބުނީ އޭނާ ކޮށްފައިވާ ކަންތައްތަކަކީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.
ފުލުހުން ބުނީ ހަމީދުގެ ތަހުގީގު ކުރިޔަށްދާ ވަރަކަށް އެ ކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.