15:05


ޖަޕާނު ސަރުކާރުގެ ކުންފުންޏަކުން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީއަށް ދީފައިވާ 2.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް، އޭރު މީޓިއޮރޮލޮޖީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރު ޖެނެރަލް އަބްދުﷲ އަލްގީން ހިޔާނާތްވެފައިވާ ކަމަށް ބުނެ ފަށާފައިވާ ޝަރީއަތުގައި އަލްގީންގެ އެކައުންޓުގައި އެ ފައިސާ ހުރީ ޖަޕާނު ސަރުކާރުގެ ކުންފުނި، ޖެމްސްޓެކް އިން ބޭނުންވެގެން ކަމަށް މީޓިއޮރޮލިޖީގެ އިސްވެރިޔަކު ކޯޓުގައި މިއަދު ހެކިބަސްދީފި އެވެ.


ދެހާސް ހަ ވަނަ އަހަރާއި 2007 ވަނަ އަހަރު ރާއްޖޭގައި މޫސުމާ ބެހޭ ތަހުލީލުތަކެއް ހިންގުމަށް ޖަޕާނުގެ ޖެމްސްޓެކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކި ފަހަރު މަތިން  ޖެމްސްޓެކްން ދިން 177،460ޑޮލަރު (2،280،361ދިވެހި ރުފިޔާ) އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެފައިސާ އަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ  މައްސަލައިގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި މީޓީއޮރިލޮޖީގެ އިސް ބޭފުޅެއް ކަމަށްވާ ޑިރެކްޓަރު އަލީ ވާފިރު ހާޒިރު ކުރުމުން ވިދާޅުވީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އޮވެ، އެފައިސާ ޖަމާކުރަން ޖެހެނީ ސަރުކާރުގެ އެކައުންޓަކަށް ކަމަށް ވިޔަސް ޖެމްސްޓެކްން ދިން ފައިސާ އަލްގީނުގެ އެކައުންޓަށް ޖަމާކޮށްފައި ހުރީ އަލްގީނު ބޭނުންވެގެން ނޫން ކަމަށާއި އެކަން ކުރީ ޖެމްސްޓެކުން ބޭނުން ވެގެން އެ ކުންފުނިން ކަމަށެވެ. އެ މީހުން އެގޮތަށް ކަންތައްކުރީ އެމީހުންގެ އިދާރީ ފަސޭހަކަށް ކަމަށް ވެސް ކޯޓުގައި ވާފިރު ވިދާޅުވިއެވެ.


"ޕްރޮޖެކްޓު ހިނގަމުން ދިޔައިރު އެ މީހުންގެ ވަރަށް ގިނަ މީހުން މިކޮޅުގައި އުޅުނު ކައްދު އާއި ގަމާއި ހުޅުލެއާ މިހެން ގޮސް އެކި ދިމަދިމާގައި ބައިވަރު މިހުން ތިބި. އެ މީހުންގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ ދިން އިރު ސަރުކާރުގެ ރަސްމީ އެކައުންޓަކަށް ލުމުގެ ބަދަލުގައި އެ މީހުން ބޭނުންވީ އަމިއްލަ މީހެއްގެ އެކައުންޓަކަށްލާން. އެމީހުން އަލްގީން ހިޔާރުކުރީ،" ވާފިރު ވިދާޅުވި އެވެ. "އެ މީހުން ބުނީ ތިމަންނާމެން ބޭނުންވާ ގޮތަށް ބޭނުންވާ ވަގުތުގައި ފައިސާ ނެގުމާއި ހަރަދު ކުރުމުގައި ދަތިތައް ހުރެއޭ، ސަރުކާރު އެކައުންޓެއްގައި ބެހެއްޓުމުން،"


ހެކިބަސް ދެމުން ވާފިރު ވިދާޅުވީ ޖެމްސްޓެކުން އެހިޔާލު ހުށަހަޅުމުން މީޓީރިއޮލިޖީގެ އިސް ފަރާތްކުގެ ވިސްނުމުގައި ވެސް އެގޮތް ހުރި ކަމަށާއި އެހެންނަމަ ވެސް ހުރިހާ ކަމެއް ކުރީވެސް ޖެމްސްޓެކުން ކަމަށެވެ.


އަލްގީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ނުލިބިގެނެ ޖެމްސްޓެކްން އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަޅާފައިވޭތޯ ދައުލަތުން ސުވާލު ކުރުމުން ވާފިރު ވިދާޅުވީ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ.


ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ހިޔާނާތްތެރިވުމުގެ ކުށުގައި މީހަކަށް އަދަބު ކަނޑައަޅާ ނަމަ  އެކަން ކުރި ފުރަތަމަ ފަހަރު ނަމަ ހަމަހާއި އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލެވިދާނެ ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގައި ބުނެފައި ވަނީ ހިޔާނާތްތެރިވި މުދަލުގެ އަގު 10،000ރ. އިން ފެށިގެން މަތިވާ ނަމަ ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރާ މުއަދަތަށް ކޮންމެ 1000ރ. އަކަށް އެއްމަސް ދުވަސް އިތުރުވާނެ ކަމަށެވެ.  ގާނޫނުލް އުގޫބާތުގެ 143 ވަނަ މާއްދާގައި ބުނަނީ ސަރުކާރުގެ މުދަލަކުން ހިޔާނާތްތެރިވެއްޖެ ނަމަ އެ މީހެއްގެ އުގޫބާތަކީ ގާނޫނުލްއުގޫބާތުގެ 131ވަނަ މާއްދާ އާއި 132ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އުގޫބާތުގެ އިތުރަށް ދެ އަހަރާ ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލަން ނުވަތަ ޖަލަށް ލެވިދާނެ ކަމަށެވެ.