ބޮލީވުޑްގެ ރީތި ލޯބީގެ ފިލްމު "ވީރު ޒާރާ"ގައި ބަތަލާ ޕްރިތީ ޒިންތާގެ އެންމެ ގާތް އެކުވެރިޔާގެ ރޯލް ކުޅުނު ދިވްޔާ ދައްތާ އެ ރޯލް ނިންމުމަށްފަހު އުޅުނީ ފިލްމު ޕްރޮޑިއުސަރުންނަށް ފިލައިގެންނެވެ.

ޓެލެވިޒަން ހޯސްޓު ސިދާތު ކަންނާންގެ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ދިވްޔާ ބުނީ، "ވީރު ޒާރާ"ގެ އެންމެ މުހިންމު ކެރެކްޓަ ޒާރާގެ ގާތް ރަހްމަތްތެރިޔާގެ ރޯލަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަށެވެ. އެ ފިލްމުގައި 'ބެސްޓް ފްރެންޑް'ގެ ރޯލް އަދާ ކުރެވުނު ގޮތް ފުރިހަމަކަމުން ދެން މުޅިން ވެސް ލިބޭނީ އެފަދަ ރޯލްތައް ކަމަށް ހީކުރެވި ވަރަށް ގިނަ ދުވަހު ގޭގައި ބަންދުވެގެން ހުރި ކަމަށް ދިވްޔާ ވަނީ ބުނެފައެވެ.

ފިލްމު "ވީރް ޒާރާ"ގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/ފިލްމުފެއަ

ފިލްމު "ވީރު ޒާރާ" ރިލީޒްވުމަށްފަހު އެ ފިލްމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގައި ވެސް ދިވްޔާ އުޅުނީ މުޅިން ފިލައިގެން ކަމަށާއި، ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ޔަޝް ޗޯޕްޅާއަށް އެކަން ފާހަގަ ކުރެވި އޭނާ އާންމުންގެ ތެރެއަށް ނެރުނު ކަމަށް ބަތަލާ ބުނެފައިވެއެވެ. އެ ދުވަހުވެސް ވަރަށް ގިނަ ބަޔަކު ހީކުރީ ދިވްޔާއަކީ ޕާކިސްތާނު ފިލްމީ ތަރިއެއް ކަމަށާއި ޔަޝް ޗޯޕްޅާ ދިވްޔާ ހޯދީ ކޮންތާކުންތޯ އެއްވެ ތިބި ގިނަ ބަޔަކު ސުވާލު ކުރިކަމަށް ދިވްޔާ ވަނީ ބުނެފައެވެ.

ދިވްޔާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ ދިގު މުއްދަތެއް ވެފައިވީ ނަމަވެސް ގިނަ ބަޔަކު އޭނާ ބަލައިގަންނަނީ ލީޑް ރޯލްތަކަށްވުރެ ބޮޑަށް ފިލްމުގެ ސައިޑް ރޯލްތަކުންކަން ފާހަގަކޮށްލެވޭ ކަމަށް 46 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ. އެފަދަ ރޯލްތަކުން ބަތަލާއަށް ލިބޭ މަގުބޫލުކަން ބޮޑުވެފައި އާންމުން ބަލައިގަންނަ މިންވަރު މާ ބޮޑު ކަމަށް ވެސް ދިވްޔާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް އޭނާގެ އުއްމީދަކީ ވެސް ފިލްމެއްގެ ލީޑް ރޯލް ކުޅެ އޭނާގެ ކިބައިގައި ހުރި އެކްޓިންގެ ހުނަރު އާއްމުންނަށް ހުށަހަޅައިދިނުން ކަމަށް ބަތަލާ ބުނެފައިވެއެވެ.

ފިލްމުތަކުގެ އިތުރުން ދިވްޔާއަކީ ޓެލެވިޒަން ސީރީސް އަދި ވެބް ސީރީސްތަކުން ވެސް ފެންނަ މޫނެކެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ޖޫން މަހުގެ 28ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާ ކުރަންފެށި ފިލްމު "ޝަރުމާޖީ ކީ ބޭޓީ"އިންނެވެ.