19 Jun 2012, 14:49
ބަޣާވަތް ކުރުމުގެ ދައުވާ ރައީސް މުހައްމަދު ވަހީދުގެ މައްޗަށް ކުރަން ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު (ޕީޖީ) އަށް އިލްތިމާސްކޮށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ، ކުރެއްވި އިލްތިމާސުން ދައްކައިދެނީ މަގުމަތި ދޫކޮށްލައި ޝަރުއީ ނިޒާމުގެ ތެރެއަށް އެނބުރި އައުމަށް އެމްޑީޕީން މަސައްކަތް ފެށުން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
"[މާރިޔާ އިސްވެ ހުންނަވައިގެން] އެބޭފުޅުން ރޭގައި އެ ކުރެއްވެވީ ރަނގަޅު ކަމެއް ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން،" އައްބާސް ވިދާޅުވި އެވެ.
މަރިޔާ ލިޔުއްވާ ޕީޖީ އަށާއި ފަނޑިޔާރުންނަށް ކުރާ އިލްތިމާސެއްގެގޮތު އާންމު ކުރެއްވި ތުހުމަތުގެ ދައުވާއަށް ސަރުކާރުން މަރުހަބާ ކިޔާ ސަބަބެއް ކަމަށް އައްބާސް ވިދާޅުވީ މާރިޔާ އާއި އެމްޑީޕީން ކުރި އެ މަސައްކަތުގެ ސަބަބުން މަގުމަތީގެ ކޯޓްތައް އެމްޑީޕީ ވެސް ބޭނުން ނުވާކަން ދައްކައިދޭތީ ކަމަށެވެ.
"އެބޭފުޅުން މިއޮށް ހުރިހާ ދުވަހު އުޅުއްވީ މަގުމަތީގައި! މަގުމަތީ ކޯޓްތަކެއް ހައްދަވައިގެން. އެބޭފުޅުން މަގުމަތީގައި އުފެއްދި ކޯޓްތައް ދޫކޮށްލައްވައި އެބޭފުޅުން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމް ގަބޫލުު ކުރައްވާ އެ ނިޒާމުގެ ތެރެއަށް ވަންނަވަން ބޭފުޅުވާކަން ދޭހަވާ އިލްތިމާސެއް ކުރީމަ އެކަން ބަލައިގަނެވޭނީ [އެމްޑީޕީގެ] ވަރަށް ރަނގަޅު ނިންމެވުމެއް ގޮތުގައި އެކަމަށް ސަރުކާރު މަރުހަބާ ކިޔާ،" އައްބާސް ވިދާޅުވި އެވެ.
~
އައްބާސް ވިދާޅުވީ ސަރުކާރުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މާރިޔާގެ ދައުވާ ފޮތް ބައްލަވާފައިވާ ކަމަށާއި އެކަމުގައި ސަރުކާރުން ވިސްނަން ޖެހޭ ކަމެއް އޮތް ނަމަ އެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
"[ތުހުމަތުގެ އިލްތިމާސް ދައުވާ] އަޅުގަނޑު ވެސް މަތިމަތިން ކިޔާލައިފިން އޭގައި ހުރި ވާހަކަތަކާއި ނުކުތާތަކުގެ މައްޗަށް ބަލައި ސަރުކާރުން ވިސްނަންޖެހޭ ކަމެއް އޮތްތޯ ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރާނެ މައިގަނޑު ގޮތެއްގައި މިކަމުގައި ސަރުކާރުން ދެކެނީ ޕޮޒިޓިވްކޮށް އެއީ އެބޭފުޅުން މަގުމަތި ދޫކޮށްލައްވާ ޝަރުއީ ނިޒާމުގެ ތެރެއަށް ވެންނެވީ ކަމަށް ފެންނަނީ. އެ ބޭފުޅުންނަށް ވެސް މަގުމަތީގެ ކޯޓްތައް ކަމުނުދާތަން މިފެންނަނީ،" އައްބާސް ވިދާޅުވި އެވެ.
ބަޣާވާތުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގެންފައިވާ ކަމަށް މާރިޔާ ތުހުމަތުކުރައްވައި، ތައްޔާރު ކުރައްވާފައިވާ ދައުވާ އާންމުކޮށް، ރައީސް ވަހީދުގެ މައްޗަށް ދައުވާ ކުރަން އިލްތިމާސެއް ޕީޖީއަށް ކުރެއްވީ މާލޭ ސިޓީ ހޯލްގައި ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ސަރުކާރުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެއްވެލުމުގައި ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލާ މާރިޔާ އިއްވި ދައުވާގައި ރައީސް ވަހީދު ބަޣާވާތުގައި ބައިވެރިވެވަޑައިގަންނަވާކަން ސާބިތުކޮށް ދިނުމަށް ގާނޫނީ ނުކުތާތަކެއް ދެއްކެވި އެވެ.
އެގޮތުން އިއްތިހާދުގައި ބައިވެރިވާ ޕާޓީތަކާއެކު ޖެނުއަރީ 30 ވަނަ ދުވަހުގެ ދަންވަރު ހިލާލީގޭގައި ބޭއްވި ބައްދަލުވުމުގައި، ގާނޫނީ ޒިންމާ އުފުއްލެވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް ވަހީދު ވިދާޅުވެފައިވާއިރު، އެ ބައްދަލުވުމުގައި ދެއްވެކި ވާހަކަތައް ރައީސް ވަހީދު ސިއްރު ކުރައްވާފައިވާ ކަމަށް ފާހަގަކޮށް އެ ވާހަކަތަކަކީ ރައީސްކަމުގެ ޒިންމާ ނަޝީދަށް އަދާ ނުކުރެވޭނެ ހާލަތަކަށް ގޮސްފި ނަމަ އެ މަސްއޫލިއްޔަތު އަދާކުރުމަށް ތައްޔާރަށް ހުންނެވި ވާހަކަ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ބުނެފައި ވެއެވެ.
މާރިޔާ ފާހަގަ ކުރައްވާފައިވާ ގާނޫނީ އެ ނުކުތާތަކަށް ހަވާލާދީ ބުނެފައި ވަނީ ފެބުރުއަރީ ހަތެއްގައި ބަންޑާރަ ކޮއްޓާ ދިމާލަށް އެއްޗެހި އުކާ ހަދާފައިވާއިރު މިއިން ކަމަކާ މިއަދާ ހަމައަށް ވެސް ގާނޫނީ ފިޔަވަޅު އަޅައި ކުށްވެރިކޮށްފައި ނުވާ ކަމަށާއި އާންމުންގެ ދެމީހަކު އެއްވެސް ޝަރުތަކާ ނުލައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތް ކަމަށްބުނެ މަޖުބޫރު ކުރުވައިގެން އިސްތިއުފާގެ ހާލަތަށް ގެންގޮސް ވޯޓަކާ ނުލައި ސަރުކާރު ބަދަލުކޮށްފައިވާތީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ ދަށުން ރައީސް ވަހީދުގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރެވޭނެ ގާނޫނީ ހަމަ އެއްބައޮތް ކަމަށާއި އަދި އެދައުވާ ކޯޓްގައި ސާބިތު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ރޭ މާރިޔާ ވިދާޅުވީ އޭނާ ދައުވާ އިލްތިމާސެއް ނެރުނު ނަމަވެސް ޕީޖީއަކީ މީހަކު ބުނާ އެއްޗެއް އަޑު އަހަން ޖެހޭ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު އަމަލު ކުރައްވަންޖެހޭ ގާނޫނީ ހަމަ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.