ލަންޑަންގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ކަޓައިފިއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުން ގައުފް ކަޓާފައިވަނީ 19ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ އެމާ ނަވާރޯއާ ބައްދަލުކުރި މެޗުން ސީދާ ދެ ސެޓުން ބަލިވުމުންނެވެ.

މެޗުގެ ދެ ސެޓު ނަވާރޯ ކާމިޔާބުކޮށްފައިވަނީ 6-4 އަދި 6-3 އިންނެވެ.

މި ފަހަރުގެ މުބާރާތުގައި އެއްވަނަ އަދި ދެވަނައަށް ސީޑު ކުރެވިފައިވާ ދެ ކުޅުންތެރިން ވެސް މިވަނީ މުބާރާތުން ކަޓައިފައެވެ. މި ވަގުތު އަންހެން ސިންގަލްސް އިވެންޓްގައި ގަދަ 10 ގެ ތެރޭގައި ސީޑުކުރެވިފައިވާ ކުޅުންތެރިންގެ ތެރެއިން ދެމިތިބީ ހަތަރުވަނައަށް ސީޑުކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާއި ހަތްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްއިން ޕައޮލީނީއަށް ޖާގަ ލިބުނީ ހަތަރުވަނަ ބުރުގައި 12ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސްއާ ބައްދަލުކުރި މެޗުގެ ތިންވަަނަ ސެޓުގައި ކީސްއަށް އަނިޔާވެގެން މެޗު ހުއްޓާލުމުންނެވެ. އޭރު މެޗު އޮތީ އެއް ސެޓު އެއް ސެޓުން ދެ ކުޅުންތެރިން އެއްވަރުވެ، ފަހު ސެޓު ވެސް 5-5 އިން އެއްވަރުވެފައެވެ.

މެޗުގައި ކީސްއަށް އަނިޔާ ވެފައިވަނީ ފަހު ސެޓުގައި 5-2ގެ ލީޑެއް ނަގާ މެޗަށް ސާވް ކުރަމުން ދަނިކޮށެވެ. މިކަމުގެ ސަބަބުން ފަހަތުން އަރާ 5-5 އަށް އަރާ ހަމަކުުރި ހިސާބުން ކީސްއަށް އިތުރަށް ކުރިއަށް ގެންދެވޭގޮތް ނުވެގެން މެޗު ހުއްޓާލީއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދި އެހެން ކުޅުންތެރިންގެ ތެރޭގައި ނިއުޒީލަންޑްގެ ލޫލޫ ސުންއާއި ކްރޮއޭޝިއާގެ ޑޮނާ ވެކިޗް ހިމެނެއެވެ.

ވެކިޗް ކުއާޓާއިން ޖާގަހޯދީ ސްޕެއިންގެ ޕައުލާ ބަޑޯސާއާ ބައްދަލުކުރި މެޗު 6-2، 1-6 އަދި 6-4 އިން ކާމިޔާބުކޮށްގެންނެވެ. ކޮލިފައިން ކުޅެގެން މުބާރާތުން ޖާގަހޯދި ސުން ކުއާޓާއަށް ދަތުރުކުރީ އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫއާ ބައްދަލުކުރި މެޗު 6-2، 5-7 އަދި 6-2 އިން ކާމިޔާބުކޮށްގެންނެވެ.