08 Jul 2024, 17:02
ލަންޑަންގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އިންވެންޓްގެ ކުއާޓާ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލުން ސިނާ ޖާގަހޯދީ ހަތަރުވަނަ ބުރުގައި ސާދަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަންއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެ މެޗުގެ ފުރަތަމަ ދެ ސެޓު ސިނާ ފަސޭހަކަމާއެކު ކާމިޔާބު ކުރި ނަމަވެސް ފަހު ސެޓު އުނދަގޫވިއެވެ. އަދި ޝެލްޓަން މިފަހަރުގެ މުބާރާތުގައި މަޝްހޫރުވެފައިވަނީ ފަހަތުން އަރައި މެޗުތައް ކާމިޔާބު ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ކަމުން ކޮންމެވެސް ވަރަކަށް މެޗު އެނބުރިދާނެ ކަމުގެ އިހްސާސްތަކެއް ކުޅިބެލުންތެރިންގެ ފަރާތުންވެސް ފެނުނެވެ.

ވިމްބަލްޑަންގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ --
މިމެޗުގެ ފުރަތަމަ ދެ ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ. އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ސިނާއަށް ކުރި ލިބުނީ އެގާރަ ނުވަޔަކުންނެވެ.
ކުއާޓާ ފައިނަލްގައި ސިނާ ބައްދަލުކުރާނީ ފަސް ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއެވެ. މިމުބާރާތުގެ ކުއާޓާ ފައިނަލުން މެޑްވެޑޭވް ޖާގަ ހޯދީ ހަތަރު ވަނަ ބުރުގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވްއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓުގައި ޑިމިޓްރޯވްއަށް އަނިޔާ ވެގެން ރިޓަޔާ ކުރުމުންނެވެ. މެޗު މެދު ކަނޑާލިއިރު މެޑްވެޑެވް އުޅުނީ ފަހެއް ތިނަކުން ކުރީގައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްއިން އެންމެ ފަހުގެ ޗެމްޕިއަން އަދި މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އަލްކަރާޒް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ސޯޅަވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އޫގޯ ހުމްބާޓްއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ދެސެޓު ހައެއް ތިނެއް އަދި ހައެއް ހަތަރަކުން އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ތިންވަނަ ސެޓު ވަރަށް ފަސޭހަކަމާއެކު އެކެއް ހަޔަކުން ކަމިޔާބު ކުރީ ހުމްބާޓްއެވެ. އަދި ފަސްވަަނަ ސެޓު ވަރަށް އެއްވަރުކޮށް ދިއުމަށްފަހު ފަތެއް ފަހަކުން ކާމިޔާބުކުރީ އަލްކަރާޒްއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒް ބައްދަލުކުރާނީ ބާރަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލްއާއެވެ. މިމުބާރާތުގެ ކުއާޓާއިން ޕޯލް ޖާގަހޯދީ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަގުޓްއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހަތެއް ހަޔެއް އަދި ހައެއް ދެއަކުންނެވެ.